މަހާޖައްރާފު މިއަދު ހަވީރު ކުޅުފުއްފުއްޓަށް ބަނދަރު ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ރަށުގެ އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރުމަށްފަހު މާދަމާގެ ވަގުތެއްގައި ބަނދަރަށް ވަންވާނެ ކަމަށް އޮފިސަލަކު ބުނެފައި ވެއެވެ.
އަދި ނޮވެންބަރ މަހު ބިން ހިއްކުމުގެ މަސައްކަތް ފަށާއިރު، މި މަޝްރޫއުން އެ ކުންފުންޏަށް 53.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި މި މަޝްރޫއު 180 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވެފައި ވެއެވެ.
މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެއެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.
ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ މި އުޅަނދު ބަނުމުގެ މަސައްކަތް ކުރިއިރު ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ވަނީ ހޭދަ ކޮއްފައި އެވެ.