twitterviber whatsapp telegramfacebookyoutube instagram
25th May 2025

އުތުރު ސަރަހައްދުގެ ކަސްޓަމްސް ހެޑް އޮފީސް ކުޅުދުއްފުށީގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Oct 25, 2017

އުތުރު ސަރަހައްދުގެ ކަސްޓަމްސް ހެޑް އޮފީސް ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސްގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިސްމާއީލް އަބްދުﷲ އަދި އެސްޖޭ ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ޝިހާދު ވިދާޅުވި ގޮތުގައި އިމާރާތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ކުޅުދުއްފުށީގައި ބައެއް މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިސްމާއީލް އަބްދުﷲ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި އިމާރާތް ކުރާނީ ހަތަރު ބުރީގެ އިމާރާތެއް ކަމަށާއި އެއްއަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތ ކަސްޓަމްސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތައް އުތުރުގައި އިތުރަށް ފުޅާވެގެން ދާނެ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި 4 ބުރިއަށް އިމާރާތްކުރެވޭ މި އިމާރާތުގައި އޮފީހަކާއި އެކޮމޮޑޭޝަން ހިމެނޭއިރު، އެސަރަހައްދުގައި އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިންގ ސެންޓަރ އެއްވެސް އިމާރާތުގައި ޤާއިމްކުރެވިގެންދާނެއެވެ. ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މަސައްކަތަށް ކަނޑައެޅިފައިވަނީ 13.4 މިލިއަން ރުފިޔާއެވެ.

މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯ ފިހާރަ ކުރިމަތީގައި އޮންނަ ހުސްބިމުގައި އެވެ. އެތަން އިމާރާތް ކުރުމަށް ބޭނުންވާ ބިން ކައުންސިލް ހަމަޖައްސައިދިން ފަހުންވެސް މިހާރު 3 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355