twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނެތިދާނެ ކަމަށް ބިރުހީވެފައިވާ ގަސްގަހާއިގެހި އެހެން ތަނަކަށް ބަދަލުކުރަނީ

Oct 25, 2017

ކުޅުދުއްފުށީ މަށިކުޅި ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން ނިންމާފައިވާއިރު ކުޅީގައި ހުރި ނެތިދާނެކަމުގެ ބިރު އުފެދިފައިވާ ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

ކުޅި ހިއްކައި އެތަނުގައި އެއާޕޯޓެއް އެޅުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތައް ބެލުމަށް އީޕީއޭ އިން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅީގައި ހުރި ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އެހެން ތަނަކަށް ބަދަލުކޮށް ހެއްދި ދާނެ ކަމަށެވެ.

މި ރިޕޯޓާ ހަވާލާދީ ރީޖަނަލް އެއާޕޯޓްސް އިން އީޕީއޭއަށް ފޮނުވި ލިޔުމެއްގައި ބުނީ ރިޕޯޓުގައިވާ ކަންކަން އެތަނުން ބަލާނެ ކަމަށާއި އެ ގޮތުގެ މަތިން ކުޅީގައި ހުރި ނެތިދާނެކަމުގެ ބިރު އޮތް ދިރުންތައް އެތަނުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނިގޮތުގައި އީޕީއޭއިން ހުއްދަ ދިނުމުން އީޕީއޭއިން ދައްކާ ރާއްޖޭގައި ހުރި ކުޅި ފަދަ އެހެން މާހައުލަކަށް ތިން ހަތަރު މަހެއް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ މަށިކުޅި ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން މަސައްކަތްކުރާތީ އެކަމާ ރާއްޖޭގެ ފަސް ޖަމިއްޔާއެއް ކަމަށްވާ ބިލީފް، އުތެމަ، ބުލޫ ޕީސް، އިކޯ ކެއާ މޯލްޑިވްސް އަދި ވޮއިސް އޮފް މޯލްޑިވްސް އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އަދި ކުޅުދުއްފުށި ކުޅި ހިއްކުމާ ދެކޮޅަށް ސޯޝަލް މީޑީއާގައި ތިމާވެއްޓަށް ލޯބި ކުރާ ގިނަ ބަޔަކު އަޑުއުފުލަމުންދާއިރު އީޕީއޭއިން ތައްޔާރުކުރި ރިޕޯޓުގައި ވެސް ބުނިގޮތުގައި ކުޅި ހިއްކައިފި ނަމަ އެތަނުގައި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ފަނާވާނެ ކަމަށާއި އޭގެ ސަބަބުން ތިމާވެށީގެ ގޮތުން ބޮޑެރި ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ހެދިފައިވާ ހުރި ބައެއްގަސް ތަކަކީ މަދުރަށް ރަށުން ފެންނަ ގަސްތަކެއް ކަމަށާއި އެގަސްތައް ކެޑުމުން ރަށުގެ ގުދުރަތީ މާހައުލަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އީޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ހިމެނޭ އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއްކަމުގައިވާ އައި. ޔޫ. ސީ. އެން ގެ ނެތި ހިނގައިދާނެކަމުގެ ބިރު ފާހަގަކުރާ ރަތް ލިސްޓުގައި ހިމެނޭ 8 ގަހުގެ ބާވަތް މިކުޅީގައި ހުރެއެވެ. އެއީ ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ކަމަށްވާއިރު މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ.

އީޕީއޭ އިން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާއި ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްވެސް އެ އެޖެންސީގެ ވެބްސައިޓުގައި ހުޅުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355