ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ޒިގްޒެގް އަދި ނޮޅިވަރަމްފަރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގުރޫޕް ބީ ގެ ދެވަނަ މެޗުގައި އިއްޔެ ނޮޅިވަރަމްފަރުން ލީޑު ނެގީ ޕެނަލްޓީ އޭރިޔާ ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ޖާޒީ ނަންބަރު 20 އަބަދުﷲ ޝަފީއު (ކޭޑީ) ޖަހައިދިން ލަނޑުންނެވެ. މި މެޗުގެ ކުރީކޮޅު ނޮޅިވަރަމްފަރުން ކޯނަރަކުން އުފެއްދި ހަމަލާއެއްގައިވެސް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފު 1-0 އިން ނިމިގެންދިޔައިރު ދެވަނަ ހާފު ވަނީ ޒިގްޒެގްއިން ކުޅުން ރަގަޅުކޮށްފަ އެވެ. އެގޮތުން މެޗުގެ ފަހު ކޮޅު ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަސްޖައު އެވެ. މިއީ ހަސަން ޝާމިލް (މިލޭ) ނަގައިދިން ހުރަހަކުން އަސްޖައު މުޅިން ހުސްކޮށްހުރެ ކާމިޔާބު ކުރި ލަނޑެކެވެ. މި މެޗުގެ ފަހު ކޮޅު އަބޫބަކުރު އާދަމް (ބާޑޭ އަބޫ) އަށް މުޅިން ހުސްކޮށް ލިބުނު ބޯޅައެއްގައި ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޮޅިވަރަމްފަރުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިން އަބްދުﷲ ޝަފީއު އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި ނަތީޖާއާއެކު ނޮޅިވަރަމްފަރަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ޖާގަ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އެ ޓީމަށް ދެ މެޗުން 1 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕްގެ އެއްވަނާގައި އޮތް ހިރަފުސް އޮތީ 3 ޕޮއިންޓާ އެކު އެވެ. ޒިގްޒެގް 1 ޕޮއިންޓާއެކު އޮތްއިރު ގުރޫޕްގެ ފަހު މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށީގެ ދެ ޓީމު ކަމުގައިވާ ޒިގްޒެގް އަދި ހިރަފުސް އެވެ.
މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކުލަބު ތިލަދުންމަތި އަދި ޓީމް ކުރިނބީ އެވެ.