އިބްރާހިމް ހަމީދު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މިމަހު 5 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ހަފްލާއެއް ބާއްވައިފިއެވެ.
މިހަފްލާ ގައި ކުޅުދުއްފުށީ އެމްޑީޕީގެ ދެކުނު ދާއިރާގެ ރައީސް އަދި މިއިންތިހާބުގައި ދެކުނު ދާއިރާއިން އަތޮޅު ކައުންސިލަށް ވާދަކޮށް ހޮވިވަޑައިގެންފައިވާ ކޯދު އާދަމް ވަހީދު އާއި އަތޮޅު ކައުންސިލަށް އުތުރު ދާއިރާއިން ހޮވިވަޑައިގެންފައިވާ މުހައްމަދު ޝުކޫރާއި ރަށު ކައުންސިލަށް ހޮވިވަޑައިގެންފައިވާ ޖަމްޝީދު މުހައްމަދާއި އިބްރާހިމް ރަމީޒް ވާހަކަ ދެއްކިއެވެ. އެބޭފުޅުންގެ ވާހަކާގައި ކުޅުދުއްފުށީގެ ރައްޔިތުން އެނިންމި ނިންމުމަކީ ކުޅުއްދުއްފުށީގެ ތަރައްގީއަށާއި ކުރިމަގަށް ނިންމި ނިންމުމެއް ކަންފާހަގަ ކުރަށްވާފައިވެއެވެ.
އަދި އިތުރަށް އެބޭފުޅުންވަނީ ކުޅުދުއްފުށީގެ ރައްޔިތުން އެބޭފުޅުންނަށް ދެއްވި އިތުބާރަށާއި ރައްޔިތުން އެބޭފުޅުން އިންތިހާބު ކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މިހަފްލާގައި ހޮވިވަޑައިގެންފައިވާ ކައުންސިލަރުންނާއި ޕާޓިގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މެމްބަރުންގެ އިތުރުން ގިނަ އަދަދެއް އާއްމު ރައްޔިތުން ބައިވެރިވިއެވެ.