ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” މިއަހަރު ކުޅުދުއްފުށީގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޭއޯއަށް މައުލޫމާތުދެމުން ބީއެމްއެލްގެ އޮފިސަލެއް ބުނިގޮތުގައި މިއީ ބީއެމްއެލްގެ ބްރާންޗެއް ހުންނަ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މި ދުވުމެއް ކަމަށެވެ. އަދި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު ޖަލާލުއްދީން ސުކޫލް ކުރިމަތިން ކަމަށެވެ.
އަދި ކުޅުދުއްފުށީ ކައުންސިލް އިދާރާ އިން އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓީޝާޓު ވިއްކަމުންދާއިރު ޓީޝާޓުގެ އަގަކީ 150 ރުފިޔާއެވެ.
މި ދުވުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިކުރުވައި، އުރަމަތީ ކެންސަރަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އެކަމަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ކިޔައިދޭނެ ކަމަށް ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދެއެވެ.
އޮކްޓޫބަރު މަހަކީ ބައިނަަލްއަގްވާމީ ގޮތުން އުރަމަތީ ކެންސަރަަށް މީހުން ހޭލުންތެރު ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކޮށް އެކަން ފާހަގަކުރާ މަހެކެވެ.