twitterviber whatsapp telegramfacebookyoutube instagram
8th May 2024

މަސައްކަތް ހުއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، ވަރަށް އަވަހަށް ފެށޭނެ: އެމްއާރުޑީސީ

Oct 29, 2017

ކުޅުދުއްފުށި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން)އިން ބުނެފިއެވެ.

އެކުންފުނިން ބުނީ ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، އެހެންނަމަވެސް މިވަގުތު މަޑުޖެހިފައި އޮތީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

އެމްއާރުޑީސީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު ވިދާޅުވީ، މިމަޝްރޫއުއާ ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކައަކީ ހަޤީޤަށް އޮޅުވާލާ، ސަރުކާރާމެދު ރައްޔިތުން ހިތުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ.

” މިކަމާއި ގުޅިގެން އެރަށުގައި މަސައްކަތް ކުރާ މީހުން ބޭއްލިކަމަށް އެބަ ވާހަކަދައްކާ، އަދި މެޝިނަރީސްތައް ބޭލުވި ވާހަކައަކީވެސް އެއްވެސް ހަޤީގަތެއް އޮތް ވާހަކައެއް ނޫން”  މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވި މިފަދަ ބޮޑެތި މަޝްރޫއުތަށް ކުރިއަށްގެންދާއިރު ތަފާތު ގިނަ މައްސަލަތައް ދިމާވެދާނެކަން ގަބޫލު ކުރަންޖެހޭކަމަށާއި ހާއްސަކޮށް ސަބް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރަންޔާމުން ކޮންމެވެސް ވަރެއް ހިޔާލު ތަފާތުވުންތަކެއްވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތައް ދިމާވާ ހާލަތްތަކުގައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ، ސަރުކާރާމެދު ޝައްކުއުފެއްދުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ކުރިންދިޔަ ބާރުމިނުގައި ވަރަށް އަވަހަށް ފަށާނެކަމަށާއި މިކަމާ ބެހޭ ގޮތުން ކުޅުދުއްފުށީ  ކައުންސިލުން މިހާތަނަށް އެމްއާރްޑީސީއާ ރަސްމީ އެއްވެސް ސިފައެއްގައި ވާހަކަދައްކައިފައި ނުވާކަމަށް މަމްދޫހު ވިދާޅުވި އެވެ.

” އެމްއާރްޑީސީއާއި ސަރުކާރުން ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތް ޙަވާލުކުރައްވައިގެން ކުރިއަށްމިގެންދަނީ ދެއްތޯ؟ އެރަށުގެ މަގު ތާރުއެޅުމުގެ މަސައްކަތް ހުއްޓުނީމައި ކައުންސިލުންވާނެ ދެއްތޯ އަޅުގަނޑުމެންނާވެސް މަޝްވަރާކޮށްލަން، އެގޭ ބަދަލުގައި އެކިގޮތްގޮތަށް ދެއްތޯ މިވާހަކަދައްކަނީ، މިމައްސަލައިގައި ޙައްލު ހޯދަން އުޅޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އެގޭ ބަދަލު މައްސަލަ އުފެއްދޭގޮތަށް މިވާހަކަތައް ދެކެނީ މިކަންތައްތައް ކުރިއަށްގެންދެވެނީ އެންމެން އެއްބާރުލުންދީގެން. ކަމެއް ފެށުނީމައި ވާހަކަ ދެއްކެނީވެސް، ހަޖޫ ޖެހޭނީވެސް، ނުފެށި އޮތަކަސް އަދި ވާހަކަ އެއް ނުދެއްކޭނެ ، މި ސަރުކާރުން މިވަނީ ކުޅުދުއްފުށީގެ ޙާލަތު ބައްދަލުކޮށްދީފައި، ކުޅުދުއްފުށީގެ އަޑު މުޅި ރާއްޖެއަށް ފަތުރާލައިދީފައި” އެމްއާރްޑީސީގެ އެކްޓިންގ މޭނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުހެދުން ހުއްޓުނީމަ ރައްޔިތުންނަށް ދިމާވާވެދާނެ ދަތިތަކެއް ހުންނާނެކަން ގަބޫލުކުރައްވަކަމަށާއި މިއީ ގަސްތުގައި ރައްޔިތުންނަށް ތަކުލީފެއް ދިނީކީ ނޫންކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ތާވަލުކުރެވިފައިވާ އެންމެ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު  ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ޝުކުރުއަދާކުރައްވާ އަދުގެ ސަރުކާރުން ހާއްސަކޮށް މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތް ފާހަގަކުރާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ 18 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައިއެވެ. މި 18 މަގުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅާ ނިންމާފައެވެ. އެއީ ފަނޑިޔާރުމަގާއި، މަރުކަޒުމަގުގެ އިތުރުން މަގާން މަގާއި، ނިކަގަސް މަގެއެވެ. ތާރު އެޅުން މެދު ކަނޑާލިއެރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދިޔައީ ކަނބޯރަނި ހިގުމުގައި ކަމަށް އެމްއާރްޑީސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355