twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެނަބިސް ޓްރެފިކް ކުރި ކުޅުދުއްފުށީ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

Oct 31, 2017

ކެނަބިސް ޓްރެފިކް ކުރި ކުޅުދުއްފުށީ މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ހދ ކުޅުދުއްފުށީ / ޒަބަރުޖުދުގެ، އަހުމަދު ހަސަން (25އ) ގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާކާ ގުޅިގެން މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ހިންގި ސިއްރު އޮޕަރޭޝަނެއްގައި އެވެ.

ފުލުހުން އޮޕަރޭޝަން ހިނގީ މާލެއިން ކުޅުދުއްފުއްޓަށް އަންނަ ބޯޓަކުން އޭނާ މަސްތުވާތަކެތި ގެންނަކަމުގެ މައުލޫމާތު ލިބިގެން އެެރޭ ފަތިހުން ފެށިގެން ހިނގި އޮފަރޭޝަނެއްގައި އަހުމަދު ހަސަންގެ ގެއިން ނެވެ. އޮޕަރޭޝަނުގެ ތެރެއިން އަހުމަދު ހަސަން ދިރިއުޅޭ ޒަބަރުޖުދުގެ ކައިރިއަށް އެދުވަހު ހެނދުނު ދެ ފުލުހަކު ސައިކަލެއްގައި ދިޔައިރު އޭނާ ބޭރުގައި ހުރިކަމަށާއި ފުލުހުން މަޑުކުރުމަށް އެދުމުން އަހުމަދު ހަސަން ދުވެފައިގޮސް ގެއަށް ވަނުމުން، ފުލުހުން އޭނާ ފަހަތުން ގޮސް ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަން ގެންގޮސް ޗެކުކުރިއިރު ލައިގެން ހުރި ޖިންސުގެ ކަނާތު ޖީބުން ފިލްމު ހުސްކުރި ދަޅެއް ފެނިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަހުމަދު ހަސަންގެ ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅަކީ އޭނާގެ އަމިއްލަ އެއްޗެއްކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވީނަމަވެސް އޭނާ ފަހުން ވަނީ އެކަމަށް އިންކާރުކޮށްފައި އެވެ. ފުލުހުންގެ ތަހުގީގަށް އެއްބަސްވެފައިވަނީ އެއްބަސްވުމުން އަދަބު ލުއިވާނެކަމަށް ފުލުހުން ބުނެ ބިރުދައްކައިގެން ކަމަށް އަހުމަދު ކޯޓްގައި ބުނެފަ އެވެ.

މި ދައުވާ ބެލުމަށްފަހު ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އަހުމަދު ހަސަންގެ ޖީބުން ފެނިފައިވާ ފިލުމު ހުސްކުރި ދަޅުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ހުރިކަމަށް ތަހުލީލު ރިޕޯޓުން ކަށަވަރުވެފައިވާ ކަމަށާއި އަދި އެދަޅު ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 24 އަށް ގިނަ އަދަދެއްގެ ގްރާމް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

އެހެންކަމުން އަހުމަދު ހަސަންގެ މައްޗަށް ކޮށްފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުތަކުގެ ދަށުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ. ހުކުމު ކުރެއްވުމަށްފަހު މެޖިސްޓްރޭޓް  ވަނީ އެ މައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355