ބޮޑު މަންޒަރޭ ބުނެވުނީމާ ފަހަރެއްގައި ތިބޭފުޅުން ތި މާނަ ކުރަށްވާ މާނައާ، އަޅުގަނޑު މާނަކުރާ ގޮތާ ތަފާތު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މިފަހަރު “ބޮޑު މަންޒަރު” މި ބޭނުންކުރީ ކުޅުދުއްފުށީގެ “އިމޭޖް” ނުވަތަ “ރެޕިއުޓޭޝަން” އޭ ދެންނެވުމުގެ ގޮތުންނެވެ. ފަހަރުގައި އެއީ އޭގެ މާނަ ކަމުގައި ނުވެވެސް ހިނގައިދާނެއެވެ. ދައްކަން މިއުޅެނީ މަސްތުވާތަކެތީގެ ސަބަބުން އަދި އެ ބޭނުންކުރާ ބައެއްގެ ސަބަބުން ރަށުގެ ނަމަށް ހުތުރު އަރަމުންދާ ވާހަކައެވެ. މަސްތުވާތަކެތީގެ ސަބަބުން ރަށުގެ ބޮޑު މަންޒަރަށް އައިބުކަން ގެންނަމުން ދާވާހަކައެވެ.
ރަށާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރިއިރު، ރަށުގައި ހިނގާ، އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގައި ހިނގާ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވާ މައިގަނޑު ވަސީލަތަކަށް ވެފައިއޮތީ “ހަވީރު” ނޫހެވެ. ހަވީރު ނޫސް ކޮންމެ ރެޔަކުވެސް އިންޓަނެޓް މެދުވެރިކޮށް ބަލާއިރު، އަބަދުވެސް ކުޅުދުއްފުއްޓާއި މެދު ފަހުރުވެރިވާ ކަމެއް އޮވެއެވެ. އެއީ ރާއްޖޭގައި މަސްތުވާތަކެއްޗާއި އަދި އެކަމާއި ގުޅިގެން ހިނގާ އެހެނިހެން ކުށްތަކުގެ ވާހަކަތައް ގެނެސްފައި ހުންނައިރު، ދުވަހަކުވެސް ކުޅުދުއްފުށީގެ ނަމެއް ނާދެއެވެ. އަބަދުވެސް ހައްޔަރު ކުރެވެނީ ރާއްޖޭގެ ކޮންމެވެސް އެހެން ހިސާބެއްގެ މީހެއްކަމުން، ކުޅުދުއްފުށީގައި އެފަދަ ކުއްވެރިން ނެތްކަމަށް ހީކޮށް އިނދެވެނީ ވަރަށް އުފަލުންނެވެ.
ނަމަވެސް އަހަރަކަށް ފަހު އަހަރެއް ވޭތުވަމުން ދިޔަ ވަރަކަށް، މަންޒަރު ބަދަލު ވާންފެށިއެވެ. އެއްކަލަ ހަބަރުތަކުގައި ކުޅުދުއްފުށި ހިމެނެން ފެށިއެވެ. ރަށާއިމެދު ކުރެވެމުން ދިޔަ އުއްމީދުތައް ފަޒާޔަށް ގެއްލެން ފެށިއެވެ. މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށީގެ ނަންވެސް އިވެންފެށިއެވެ.
ކުޅުދުއްފުށީގައި މިކަން ފެތުރިފައިވާވަރާއި ރަށުގެ ރައްޔިތުންނަށް ވަމުންދިޔަ ގެއްލުންތަކާއި ތުރާތައް އިހްސާސް ކޮށްލެވުނީ ޗުއްޓީގައި އެއްފަހަރު ރަށަށް އައިސް މަޑުކޮށްލި ފަހަރަކުއެވެ. އާދެ! ޕާޓޭންތައް ހަވަރަށް ދިންފަހަރުއެވެ. ރައްޔިތުންނަށް އުނދަގޫ ބޮޑުވެގެން، އަދި ފުލުހުންގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ، ރައްޔިތުންގެ ބަޔަކު ނުކުމެ ޕާޓޭން ތަކަށް “ހޭއަރުވާލި” އެވެ. އެމަންޒަރުތައް އަޅުގަނޑުވެސް ހަމަލޮލުން ދެކުނީމެވެ. އެމީހުން ކުރީ އިންސާނިއްޔަތާއި ހިލާފް އަމަލުތަކެކެވެ. ނަމަވެސް ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރަންތިބޭ ބަޔަކު އެކަމަށް ނުކުޅެދުމުން، އަދި ޝަރީއަތުން އެމައްސަލަތައް ނުބެލުމުން، އެންމެ ފަހުން އެފަދަ މަންޒަރުތައްވެސް ފެނުނީއެވެ. އާދެ! ރައްޔިތުންގެ ކޯޓުން މައްސަލަ ބަލާ ހުކުމްކޮށް ތަންފީޒުވެސް ކުރީއެވެ. ނަމަވެސް އެމައްސަލައިގައި ކުއްވެރިވަނީ ޕާޓޭންތޯ، ނޫނީ ޕާޓޭން ގައިގައި ތެޅި މީހުންތޯ، ނުވަތަ ގާނޫނު ތަންފީޒު ކުރަން ނުކުޅެދުނު މީހުންތޯ ބަލާ ޝަރީއަތް ކުރާކަށް އަޅުގަނޑު ނެތީމެވެ.
އެމަންޒަރުތައް އެގޮތަށް ފެނުމުން ރަށުގެ ހާލަތު އޭރު އޮތް ހިސާބު ފެނުނެވެ. ނަމަވެސް އެހިސާބުން ހައްލެއް އައިކަމެއް އެނގިފައެއްނެތެވެ.
އޭގެ ފަހުން މިހާރު ދެއަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. މިފަހަރު ރަށަށް އައިފަހުން އިވެމުން ދިޔަ، އަޑުތަކާއި ފެންނަމުންދިޔަ މަންޒަރުތަކުން އެނގުނީ، މަސްތުވާތަކެތީގެ މައްސަލަ އޭރަށްވުރެވެސް މިހާރު ފުޅާވެފައި ވާކަމެވެ. އަދި އެކަމާއި ގުޅިގެން އިތުރު ކުއްތަކަށް އަރައިގަންނަ އަދަދު އިތުރު ވަމުން ދާކަމެވެ. މަސްތުވާތަކެއްޗާއި ގުޅިގެން ކުޅުދުއްފުށީގައި އިޖްތިމާއީ މައްސަލަތައް ވަނީ މާލެއެކޭ އެއްފަދައިން އިތުރު ވެފައެވެ. ވައްކަން އިންތިހާއަށް ގިނަވެއްޖެއެވެ. ފޭރުމާ މާރާމާރީ އިތުރު ވެއްޖެއެވެ.
ކުޅުދުއްފުށީގެ ބައެއް މަގުތަކުން މިހާރު ދިއުމަށް މީހުން ޖެހިލުންވެއެވެ. މިވެނިއެވެނި ގޯޅިއަކުން ދާކަށް ނުވާނޭ ސިއްރުސިއްރުން ބުނާއަޑު އިވެން ފަށައިފިއެވެ. މައިންބަފައިން ތިބެނީ ދަރިއަކު ބޭރަށް ގޮސްފިނަމަ ސަލާމަތުން ގެޔަށް އަންނާނެބާއޭ ހިތާ ބިރުންނެވެ. ސްކޫލު ކުދިން ގެޔަށް ދަނީ ކަންމަތީގައި އޮންނަ ގުރޫޕުގެ ދުއްތުރާއާހެދި ވިރިވިރި ހުރެގެންނެވެ. ރައްޔިތުން ތިބެނީ ގޭފުރާޅު ޓިނު ނަގާނީ މިރޭބާއޭ ހިތަށްއަރާ ނުނިދިފައެވެ. އާދެ! ވަޅި ދިއްކޮށްލާފައި 100 ރުފިޔާ ދޭށޭ ބުނާ ފެންވަރަށް މިރަށުގެ ހާލަތު ގޮސްފިއެވެ.
މަސްތުވާތަކެއްޗާއި އެކަމާ ގުޅިފާވާ މައްސަލަތަކުގެ އުނދަގޫ ރަށު ރައްޔިތުންނެކޭ އެއްފަދައިން ރަށަށް އަރާ ބީރަށްޓެހިންނަށްވެސް ފޯރައެވެ. ކުޅުދުއްފުށި ބަލާލަންދާން ބޭނުމޭ ބުނެގެން ވަރަށްފަހުން މާލޭގައި އުޅޭ ރައްޓެއްސެއްވެސް ރަށަށް ގެނައިމެވެ. އޭނާ މިރަށުގައި 2 ދުވަހު ހުރިއިރު، 3 ފަހަރެއްގެ މަތިން މަގުމަތިން ޒުވާނެއް އައިސް ފައިސާއެއް ދީބަލާށޭ ބުނިކަމަށް ވެއެވެ. އަދި މިހިސާބު ރަށެއްގައި އުޅޭ ރައްޓެއްސެއްވެސް ކުރީދުވަހު ދިމާވެގެން ކުރީ އެޝަކުވާއެވެ. އެކަމާހެދު މިރަށަށް އަރަން މިހާރު ފޫހިވާކަމަށް ބުންޏެވެ.
ކުޅުދުއްފުށީގެ ހާލަތު ގޮސްފައިއޮތް ހިސާބު މިއޮތީ ހާމައަށް ފެންނާށެވެ. ހަބަރުތަކުގައި މަސްތުވާތަކެއްޗާއި ގުޅުވައިގެން ކުޅުދުއްފުށިން ހައްޔަރު ކުރެވޭ ޒުވާނުންގެ ވާހަކަ، އަދި އަތުލައިގަންނަ މަސްތުވާތަކެތީގެ ހަބަރުތައް އިވެންފެށުމުން ރަށާމެދު މީހުން ދެކޭގޮތްވެސް ބަދަލުވާން ފަށައިފިއެވެ. ރަހުމަތްތެރިންގެ ކުރިމަތީގައި މިކަމާހެދި އަގުވެއްޓިއްޖެއެވެ. މިއީހަމަ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށްވެސް ލިބެމުންދާ ހަޑި ނަމެކެވެ. ކުޅުދުއްފުށީގެ ބޮޑު މަންޒަރު ކިލަނބުވާން ފަށައިފިކަން ކަށަވަރެވެ.