ކުޅުދުއްފުށީގައި ހިއްކާފައިވާ ވެލިގަނޑު ސަރަހައްދުގައި އެމްޑީޕީއިން ނަގައިފައި ހުރި ބޮޑު ދިދަ 20 ފޫޓަށްވުރެ އުސްނުވާ ވަރަށް ތިރިކުރަން އަންގައިފި އެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ދިދަ ތިރިކުރަން އެންގީ މިދިޔަ ހަފުތާ ތެރޭގައި ފުލުހަށް ހާޒިރުކޮށްފައި ކަމަށެވެ.
އޭނާ ބުނީ ދިދަ ނެގުމަށް އެއްވެސް ފަރާތްތަކުން އަންގާފައިނުވާ ކަމަށެވެ. އެންގީ 20 ފޫޓަށްވުރެ އުސްނުވާ ވަރަށް ދިދަ ބެހެއްޓުމަށް ކަމަށެވެ. އެގޮތަށް އަންގާފައިވަނީ ގައުމީ ދިދައަށް ވުރެ އުސްކޮށް އެެހެން އެއްވެސް ދިދައެއް ނެގުމަކީ މަނާކަމެއްކަމަށްވާތީ އެވެ.
89 ފޫޓް އުސް، މިދިދަ ނަގާފައިވަނީ މިއަހަރުގެ ބޮޑު އީދުގެ ފުރަތަމަ ދުވަހު އެވެ. ދިދަ ތިރިކުރަން އަންގާފައިވާއިރު މިމަހު 12 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި އެވެ.
މިއަހަރު ހޯމް މިނިސްޓްރީން އެކުލަވާލާ އަލަށް އަމަލުކުރަން ފެށި އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެ އެވެ.