ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށް މިމަހު12 ގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ދަތުރުފުޅާ ދިމާކޮށް މާލެއިން ގިނަ ބަޔަކު ކުޅުދުއްފުއްޓަށް އައުމަށްވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ގިނަ އަދަދެއްގެ ޕީޕީއެމްގެ ބޭފުޅުންނާއި ވަޒީރުން އަދި ކުންފުނިތަކާއި މުވައްސަސާތަކުގެ ވެރިން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކުޅުދުއްފުށީގައި ބޮޑެތި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނީ މިދުވަސްވަރު ގެސްޓްހައުސްގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށާއި މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ޖާގަތަށް ބުކްކޮށްފައިވާ ކަމަށެވެ.
ފުޅާ ދާއިރާގެ ގެސްޓްހައުސް ހިންގާ 7 ތަނެއް ކުޅުދުއްފުށީގައި ހުންނައިރު ހުރިހާ ތަނެއްހެން މިހާރުވަނީ ފުލްވެފަ އެވެ. އަދި ބޮޑެތި ގެސްޓްހައުސްތަށް ފުލްވެގެން ކުލީ ކޮޓަރި ދޫކުރާ ގެތަކަށްވެސް ގިނަ ބަޔަކު ރޫމް ހޯދަން ދާކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
ރައީސްގެ ދަތުރުފުޅުގެ ކަންތައްތަށް ބެލެހެއްޓުމަށް މާލެއިން އަންނަ ޓީމުތަށް ދަނީ ކުޅުދުއްފުއްޓަށް އަންނަމުންނެވެ. އަދި މިހާރުވެސް އެފަދަ ޓީމުތަށް ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.