twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕީޕީއެމްގެ އަހަރީ ޖަލްސާ ކުޅުދުއްފުށީގައި ބާއްވަނީ

Nov 7, 2017

ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ވިދާޅުވިގޮތުގައި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު ކަމަށާއި އެ ދުވަހުގެ ރޭ “އުދުހޭ” ނަމުގައި ބާއްވާ ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ޖަލްސާވެސް ބާއްވާނެ ކަމަށެވެ.

އަދި ނިހާން ވިދާޅުވިގޮތުގައި ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ ވައުދު ސަރުކާރުން ފުއްދާނެ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ “އުދުހިފައި” ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައި އެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ ވެގެންދާނީ ރާއްޖޭގެ ރަށަކުން ފެންނާނެ އެންމެ ފުރިހަމަ ޖަލްސާއަށް ކަމަށާއި އިދިކޮޅުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާފަދަ އެންމެ 300 މީހުން ބައިވެރިވާ ޖަލްސާއަކަށް މި ޖަލްސާ ނުވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ރައްޔިތުން އެއާޕޯޓަށް ބޭނުންވެފައި ތިބި މިންވަރު މި ޖަލްސާއިން ހާމަވެގެން ދާނެ ކަމަށްވެސް ރަހީމް ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހަކީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށްވާއިރު ރަށުގެ ރައްޔިތުން ދަނީ ތައްޔާރީތަކެއް ވަމުންނެވެ.

ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ވައުދުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދެއަހަރު ތެރޭގަ އެވެ. ނަމަވެސް އަންނަ އަހަރަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355