twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅިހިއްކާތީ އަނެއްކާވެސް 13 ޖަމިއްޔާއަކުން ހިތްހަމަނުޖެހުން ފާޅުކޮށްފި

Nov 7, 2017

އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ މަށި ކުޅި ހިއްކުމުގެ ހުއްދަދިނުމުން 13 ޖަމިއްޔާއަކުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ. ހިތްހަމަ ނުޖެހުން ފާޅުކޮށް ބަޔާން ނެރެފައިވަނީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ، އުތެމާ، އެކޯކެއާ މޯލްޑިވްސް، ބްލޫޕީސް، އައްޑޫ ވިމެންސް ޑެވެލޮޕްމެންޓް އިނިޓިއޭޓިވް، ސްމޯލް އައިލެންޑް ރީސާރޗް ގްރޫޕް، ވޮއިސް އޮފް ވިމެންސް، މާޅޮސް އެވެއާނަސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، މީދޫ އެކުވެނީ ޗޭނު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް، ބިލީފް، އެސޯސިއޭޝް ފޯރ ނޫން އެޓޯލް ޑިވެލޮޕްމެންޓް އަދި ފްރެންޑްސް އެސޯސިއޭޝަން ފޯރ އައިލެންޑް ޑެވެލޮޕްމެންޓުންނެވެ.

މިއަދު އެޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އޮންނަ ރާއްޖޭގެ އެެންމެ ބޮޑު މަށި ކުޅި ހިއްކުމުގެ މަސައްކަތައް ހުއްދަދީފައިވާ ކަމަށާއި ވީމާ މި މުހިއްމު ގުދުރަތީ ތަރިކަ ހަލާކުކުުރުން ހުއްޓާލުމަށް ގޮވާލާކަމަށެވެ.

އަދި އީއައިއޭގެ މިނިވަންކަމާއި މެދު ސުވަލު އުފައްދާ އެ ޖަމިއްޔާތަކުން ބުނެފައިވަނީ އެ ރިޕޯޓް ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެންޑް އެނާރޖީގެ ދަށުން ހިންގާ މޯލްޑިވްސް މީޓްރޮލޮޖީ ސާރވިސްގައި މަސައްކަތް ކުރާ ސިވިލް ސާރވެންޓަކަށް ވާތީ އެރިޕޯޓްގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށާއި އަދި އީއައިއޭގެ ގަވާއިދު ބުނާގޮތުން އެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ވަކި މުއްދަތަކަށް ފުރުސަތު ހުޅުވާލަން ޖެހޭކަމަށެވެ.

ނަމަވެސް ކުޅި ހިއްކުމުގެ ޕްރޮޖެކްޓަށް ހުއްދަ ދެއްވާފައިވަނީ އާންމުކޮށް އީއައިތައް ބަލާ އެއާމެދު ގޮތް ނިންމާ މުވައްސަސާކަމަށް ވާ އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުންގެ ހިޔާލު ފޮނުވުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ 5 ދުވަސް ކުރިންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތިމާވެށީގެގޮތުން ކަނޑައެޅިފައިވާ ގާނޫނީ އިޖްރާއާތުތަކަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ އަލްފާޟިލް ތޯރިގު އިބްރާހިމް ކަމޭހިއްތަވާފައި ނުވާތީ ކަންބޮޑުވާ ކަމަށާއި ތިމާވެށީގެ ގޮތުން އަސަރުފޯރާ މިންވަރު ބެލުމުގެ އިޖްރާއާތުތައް އަވަސްކުރައްވައި 26 އޮކްޓޯބަރު 2017 ގައި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިއުމެއްގައި އަމިއްލަފުޅަށް ސޮއި ކުރައްވާފައި ކަމަށްބުނެ ޖަމިއްޔާތަކުން ވަނީ މިނިސްޓަރަށް ފާޑުވިދާޅުވެފަ އެވެ.

އަދި މި މައްސަލާގައި ގާނޫނީ އިޖްރާއާތުތަކަށް ތަބާބެފައިނެތުމުން މިހާ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އާންމުންގެ ހިޔާލު ހޯދުމަކައި ނުލާ ނިންމި ނިންމުމާއި މެދު ކަންބޮޑުވާ ކަމަށާއި ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުތަކާއި ހިލާފަށް އީޕީއޭއިން ނިންމި ނިންމުމާ ދެކޮޅު ހަދާކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓްގެ ޝަރުތުތަކާއި ޕްރޮޖެކްޓް ހިންގުމާއި ހަވާލުވެތިބި ރީޖަނަލް އެއާޕޯޓްސްއާއި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރ އެމްޓީސީސީން ތަބާ ނުވާ ކަމަށްބުނެ 6 ޝަރުތެއްވެސް ވަނީ ބަޔާނުގައި ހިމަނާފައެވެ.

ހިލާފުވެފައިވާ ކަމަށް ބުނެ ހިމަނާފައިވަނީ ޝަރުތުތަކަކީ:

– ކުޅި ހިއްކުމަށްޓަކައި ފަސްނަގާ ސަރަހައްދަކީ ކޮބާކަން ކަނޑައަޅާފައި ނެތުން، އަދި އެކަމަށްޓަކައި ކުރަންޖެހޭ ޖިއޯޓެކްނިކަލް ދިރާސާތައް ކޮށްފައި ނެތުން

– ޕްރޮޖްކްޓް ހިންގާ ސަރަހައްދު ކުޅީގެ ބާކީއޮތް ބައިން ވަކިކޮށްފައި ނެތުން

– ތިމާވެށީގެ ގޮތުން ޕްރޮޖެކްޓު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ބެެލެހެއްޓުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުން (މި ޝަރުތަކީ އޭގެ ޒާތުގައިވެސް ކުރުން މުސްތަހީލު ޝަރުތެއްކަމަސް ފާހަގަ ކޮށްފައި ވެއެވެ)

– ކޮންޓްރެކްޓަރ ހަދަމުންދާ “ބަންޑް ވޯލް” އަކީ އޭގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ގޮތަށް ސިފަތަށް ފުރިހަމަ ނުވާ އެއްޗެކެވެ. ސަބަބަކީ ޝަރުތުކޮށްފައިވަނީ ހިލައާއި ޝީޓް ޕައިލިން ބޭނުންކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރު ވަނީ ވެލިފުނި ޖަހައިގެން ބަންޑް ވޯލް ހަދަމުންނެވެ.

– އޭވިއޭޝަން ގަވާއިދުގެ ދަށުން އިމާރާތުގެ އުސްމިނަށް އަންނާނެ ހަނިކުރުންތަކާ ބެހޭ ގޮތުން ސްޓޭކްހޮލްޑަރުންނާއި މިހާތަނަށް ވާހަކަ ދެކެވިފައިވައި ނެތެވެ.

– ރަށުގެ ފެންބޮޑުވުމުގެ މައްސަލަ ކުޑަކުރުމަށާއި ފެން ހިންދުމަށް ބޭނުންކުރާނެ އެހެން ނިޒާމެއް ހުށައަޅާފައި ނެތެވެ. (މިކަމަށް ހައްލުހޯދާނެ އެއްވެސް ގޮތެއް ހަމަޖެއްސުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން މަސައްކަތް ކޮށްފައިނެތުމަކީ ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަަމަ ރަށުގެ އާބާދީ އިތުުރު ނުރައްކަލަކަށް ހުށައެޅިގެންދާނެ، ބިރުގަންނަމް ޖެހޭ ކަމެކެވެ.)

އެ ޖަމިއްޔާތަކުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހިމަނާފައިވާ މި ބަޔާނުގައި މި ޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއި ގޮތުންނާއި، އިޖްތިމާއީ، ސަގާފީ، އަދި އިގްތިސާދީގޮތުންނާއި ހެޔޮވެރިކަމުގެ ގޮތުން ބަލާއިރުވެސް އެދެވޭ ޕްރޮޖެކްޓެއް ނޫން ކަމަށްބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355