twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފަރިވަޅުލުމުގެ ފަރި ހަރަކާތުން ކުޅުދުއްފުށީގެ އެއްބައިވަންތަކަން ދައްކުވައިދީފި

Nov 11, 2017

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމަށް ގެނެސްފައިވާ އެމްޓީސީސީގެ މަހާޖައްރާފަށް މިރަށު އަންހެނުންވެރިން ފަރިވަޅު އަރުވައިފި އެވެ. ފަރިއޮޅުލުން ނުވަތަ ފަރިވަޅަކީ ކުރީ ޒަމާނުގައި އާ ދޯންޏެއް ނުވަތަ އޮޑިއެއް ބޭލުމުން، އޮޑިވެރިންގެ ގެއިން އެމަސައްކަތުގައި އުޅުނު ފިރިހެންވެރިންނަށް އަންހެންވެރިން އަރުވާ ބޮނޑިބަތުގެ ހަދިޔާ އެކެވެ.

ފަރުވަޅުލުމަކީ ބަލާލަން ރީތި ހިތްގައިމު މަންޒަރެވެ. ދިވެހި އަންހެނުންގެ ދިވެހިވަންތަންކަން ދައްކުވައިދޭ ހުށަހެޅުމެކެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި 500 އަށްވުރެ ގިނަ އެކި އުމުރުފުރާގެ ކަނބަލުންވަނީ ބައިވެރިވެ ކުޅުދުއްފުށީގެ އެއްބައިވަންކަން ދައްކުވައިދީފަ އެވެ.

މަހާޖައްރާފުގެ ފަޅުވެރިންނަށާއި އޭގަ މަސައްކަތްކުރާ މީހުންނަށް އަންހެންވެރިން އެރުވި މިފަރިވަޅުން އަންގައިދިނީ ގައުމީ ރޫހާއި ރަށުގެ ތަރައްގީއަށް ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުމެއްގެ ގޮތުގަ އެވެ.

ގައުމީ ރޫހު އިސްކޮށް، ގިނަ އަދަދެއްގެ އަންހެންވެރިން ބައިވެރިވި މި ހަރަކާތުގައި އަންހެންވެރިން ފެނިގެން ގޮސްފައިވަނީ ދިވެހި ލިބާހުހާއި ގައުމީ ކުލަތަށް ރަމްޒުކޮށްދޭ ހެދުންތަކުން ނަލަ ހެދިގެންނެވެ. މިއީ ފަހުގެ ތާރީހުގައި ކުޅުދުއްފުށީގައި އެންމެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި ފަރިވަޅުލުންކަން ފާހަގަކުރެވެ އެވެ.

އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށި ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެއާޕޯޓުގެ ބިންކުމުގެ އަމަލީ މަސައްކަތުގެ ޖަލްސާގެ އިތުރުން ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާ ރޭ ކުޅުދުއްފުށީގައި އޮންނާނެ އެވެ. ރާއްޖެއިން ބޭރުން ގެނައި ގޮތަށް މަހާޖައްރާފު ފުރަތަމަވެސް ގެނެސްފައިވަނީ ކުޅުދުއްފުއްޓަށެވެ.

މަހާޖައްރާފަށް ކުޅުދުއްފުށީ އަންހެންވެރިން އެރުވި ފަރިވަޅުގެ އިތުރު ފޮޓޯތަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355