އިބްރާހިމް ހަމީދު
ޝަހީބް މީޑިއާ ކޮންސަލްޓެންސީން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބޭސިކް ޖާނަލިޒަމް ޓްރެއިނިންގ ކޯހެއް ހިންގުމަށް ނިންމައިފިއެވެ. ކުޅުދުއްފުށީގެ ޒުވާނުންނާއި ގުޅިގެން ހިންގާ މިކޯހަކީ މަތިއުތުރު ޕްރޮވިންސްގައި ޖާނަލިޒަމްގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ ކޯހެކެވެ.
މި ކޯހާބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޝަހީބް މީޑިއާ ކޮންސަލްޓެންސީގެ ޗީފް އެގްޒެކަޓިވް އޮފިސަރ މުހައްމަދު ޝަހީބު ވިދާޅުވީ މިއީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ކުޅުދުއްފުށީ ޒުވާނުންނާއި ގުޅިގެން މަތިއުތުރު ޕްރޮވިންސްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ބޭސިކް ޖާނަލިޒަމް ކޯހެއް ކަމަށާއި ކުޅުދުއްފުށީ ގައި ހުންނަ މަތިއުތުރުޕްރޮވިންސް އޮފީހުގައި ހިންގުމަށް ހަމަޖެހިފައިވާ މިކޯސް ކުރިޔަށް ދާނީ މާރޗް މަހުގެ 01 ން 10 އަކަށް ކަމަށެވެ.
އެއްވެސް ފީއެއް ނުނަގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ މިކޯހުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމުގެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ މަހުގެ 26 ވާ ހޮނިހިރު ދުވަހުގެ 12:00 އެވެ. އަދި 30 ކުދިންގެ ޖާގައޮތް މިކޯހުގައި ބައިވެރިވުމަށް ނަން ނޯޓްކުރާ ފަރާތްތަކާ އިންޓަވިއު ކުރުން މިމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ރޭ 8:00 ގައި މަތިއުތުރުޕްރޮވިންސް އޮފީހުގައި އޮންނާނެކަމަށާއި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 7696612 އަށް ކަމަށް ޝަހީބް މީޑިއާ ކޮންސަލްޓެންސީން މައުލޫމާތު ދެއްވައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 22 އަހަރު ޚިދުމަތް ކުރަށްވާފައިވާ ޝަހީބު އުފައްދަވާފައިވާ ޝަހީބް މީޑިއާ ކޮންސަލްޓެންސީގެ ފަރާތުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މާލޭގައި ބޭއްވި ބޭސިކް ޖާނަލިޒަމް ޓްރެއިނިންގ ކޯހުގެ އިތުރުން މިއަހަރު އައްޑޫގައިވެސް މިދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯހެއް ހިންގާފައެވެ.