twitterviber whatsapp telegramfacebookyoutube instagram
28th March 2024

މި ސަރުކާރުން ވަނީ ދިއްދޫ މަތިން ހަނދާން ނައްތާލައިފަ : ދިއްދޫ އެމްޑީޕީ

Nov 18, 2017

ރައީސް ޔާމީންގެ ސަރުކާރަށް 4 އަހަރު ފުރުނުއިރު ދިއްދޫ ރައްޔިތުންގެ މަތިން ސަރުކާރުން ވަނީ ހަނދާން ނައްތާލާފައި ކަމަށް ހއ ދިއްދޫ ދާއިރާގެ އެމްޑީޕީ ގޮފިން ބުނެފިއެވެ.

އެމްޑީޕީ ގޮފިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި ދިއްދޫ ރައްޔިތުންގެ ހާލު ބެލުމަށްޓަކައި ރައީސް ޔާމީން އެންމެ ފަހަރަކުވެސް ދިއްދޫއަށް ވަޑައިގެންފައިި ނުވާ ކަމަށެވެ. އަދި އެއީ ސަރުކާރުން ދިއްދޫއަށް ދެއްވާ ސަމާލުކަމުގެ ކުޑަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އެކަން މި ދާއިރާއިން ނުހަނު ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ދިއްދޫ ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރު އަލްފާޟިލް އަބްދުއްލަތީދް މުހައްމަދު ވަނީ އެ މަޖިލީހަށް ވަނުމަށް ސަރުކާރުން ހުރަސްއަޅާފައި ކަމަށެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕްނެޑްކޮށްފައި ހުރި ހުރުމަކީ ވެސް ދިއްދޫ ރައްޔިތުންގެ ޙައްޤުތަކަށް ސަރުކާރުން ބޮޑުކޮށް އަރައިގަނެ ރައްޔިތުންގެ ނިންމުމަށް ސަރުކާރުން އިހްތިރާމް ނުކުރައްވާ ކަމުގެ ދަލީލެއް ކަމަށެވެ.

އަދި މި ހަތަރު އަހަރަކީ ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް މެދުވެރިވެފައިވާ ގިނަ މައްސަލަތައް ދިއްދޫގެ ރައްޔިތުން ވެސް ތަހައްމަލު ކުރަން ޖެހުނު އަހަރުތަކެއް ކަމަށެވެ. އެގޮތުން ކަރަންޓްގެ ޔަޤީންކަން ރަށުގައި ނެތުމާއި ތަކެތީގެ އަގު ބޮޑުވެގެން ދިޔުމާއި، ދިރިއުޅުމުގެ ޚަރަދުތައް މަތިވުމާއި، ސާފު ބޯފެން ލިބެން ނެތުމާއި ރަށުގައި ޞިއްޙީ ފަރުވާގެ ފެންވަރު ދަށްވުމާއި ތަޢުލީމީ ނިޒާމް ހީނަރުވެފައިވެއެވެ. އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމާއި ކޮރަޕްޝަނާއި ވައްކަމުގައި ޤައުމުގެ މުއްސަނދިކަން ފޭރިގަތުމާއި ޢަދުލު އިންސާފު ނައްތާލެވިފައިވާ ކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައި އެވެ.

އެހެންކަމުން މި ސަރުކާރުން ދިއްދޫއާއި ދިއްދޫގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލާފައިވާ ކަމަށް ދިއްދޫގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ދިއްދޫ ރައްޔިތުން މި ސަރުކާރަށް ހަރުއަޑުން ނޫނެނޭ ބުނަށް ތައްޔާރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355