twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވިލާ ކޮލެޖުން އާ ހަތަރު ކޯހެއް ތައާރަފްކޮށްފި

Nov 22, 2017

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އާ 4 ކޯހެއް ތައާރަފްކޮށްފި އެވެ.

މިއަދު އެކޮލެޖުގައި މިކަމަށްޓަކައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްތައް ތަޢާރަފްކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަހުމަދު އަންވަރު އެވެ.

އަލަށް ތައާރަފް ކުރެވުނު މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ބެޗްލަރ އޮފް ނަރސިން (އޮނަސް) އިންޓަރ ނޭޝަނަލް (ޓޮޕް އަޕް) އެވެ.

އަދި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލަރ އޮފް ޓީޗިން ދިވެހި ލެންގުއޭޖް، މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ، މާސްޓަރސް އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމެވެ. މި ޕްރޮގްރާމްތަކުގައި ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.

އެގޮތުން ބެޗްލަރ އޮފް ނަރސިން (އޮނަސް) އިންޓަރ ނޭޝަނަލް (ޓޮޕް އަޕް) ޕްރޮގްރާމަކީ ނާރސިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށް މިހާރު ހިދުމަތުގައި ތިއްބެވި ނަރުހުންގެ އިލްމީ ޤާބިލްކަން އިތުރުކޮށް މަސައްކަތުގެ ހުނަރު ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. އަދި 2 އަހަރު ދުވަހުގެ މި ޕްރޮގްރާމްގައި ސަމާލުކަން ދެވިގެންދާނީ ސިއްހީ ހިދުމަތްދިނުމުގައި ކްރިޓިކަލް ތިންކިންގ ބޭނުންކުރުމާއި ބިނާކުރަނިވި އާގޮތްތައް އިޖާދުކޮށްގެން ހިދުމަތުގެ ފެންވަރު ރަގަޅުކުރާނެ ގޮތްތަކަށެވެ.

އަދި މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ ޕްރޮގްރާމް އަކީ ކިޔަވައި ދެއްވުމުގައި އުޅުއްވާ ޓިޗަރުންނަން ކިޔަވައި ދިނުމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދެވޭނެ ގޮތްތަކަށް ސަމާލުކަން ދީގެން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެވެ. މާސްޓަރސް އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އަކީ ސްކޫލްތަކުގެ ހިންގުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ޤާބިލްކަން އިތުރުކޮށް ވަޒީފާގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކުރުމަށް އަމާޒު ކުރެވިގެން ހިންގާ ޕްރޮގްރާމެކެވެ. މި ދެ ޕްރޮގްރާމްވެސް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ބްލޮކްމޯޑް އަށެވެ.

އޭގެ އިތުރުން ބެޗްލަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖު ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް ދިވެހި މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޤައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަނޑު ދަނޑިތައް ހާސިލު ކުރުމަށްޓަކައި ދިވެހި ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު ލިބިދިނުމެވެ.

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކް 2018 ގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކާއި އަދި މިއަދު އަލަށް ތަޢާރްފް ކުރެވުނު ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީޚަކީ 17 ޑިސެމްބަރ 2017 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355