ދިވެހިރާއްޖޭގެ ބާސްކެޓްބޯލް ކްލަބް ތަކުގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ ޓީރެކްސް ބާސްކެޓްބޯލް ޓީމް ކުޅުދުއްފުއްޓަށް ދަތުރެއް ކުރުމަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 24 އިން 27 އަށް ކުޅުދުއްފުއްޓަށް ޓީރެކްސް އިން ކުރާ ދަތުރުގައި ޖުމްލަ 12 މީހުންގެ ކޮންޓިންޖެންޓެއް ބައިވެރިވާނެކަމަށް މިދަތުރު އިންތިޒާމު ކުރުމުގައި ކުޅުދުއްފުށިން ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.
މާދަމާ ހަވީރު ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ޓީރެކްސްގެ މިދަތުރުގެ މަގުޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާސްކެޓްބޯޅަ ކުރިއަރުވާ ކުޅުންތެރިން އުފެއްދުމަށް ޓީރެކްސް ބާސްކެޓްބޯލް އެކަޑެމީގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ބާސްކެޓްބޯޅަ އިތުރަށް ތަރައްގީކުރުމަށް ޓީރެކްސް އާއި ގުޅިގެން މަސައްކަތް ކުރާނެ ކްލަބް ޖަމިއްޔާތައް ހޯދާ، އެފަރާތްތަކާއެކު ޕްލޭންތައް ހަދާ، އެއްބަސްވުމަކަށް އައުމެވެ. އަދި މިދަތުރުގެ ތެރޭގައި ބާސްކެޓްބޯޅަ ޓްރެއިނިންގ ސެޝަންތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން 15 އަހަރުން ދަށަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ކޯޗިން ޑެމޯ ޕްރޮގްރާމެއް ހިންގާނެއެވެ.
އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނާ ހަވީރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު ޓްރެއިނިންގ ސެޝަންތައް ކުރިޔަށް ދާނެއެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުދުއްފުށީގެ ބާސްކެޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހޮނިހިރު ދުވަހުގެ ހެނދުނު ކުޅުދުއްފުށީ ސްކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކުރުންވެސް އޮންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ޓީރެކްސްގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީގައި އަދި ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ޓީރެކްސް އާއި ގުޅިގެން ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ބޭނުންވާ ކްލަބް ޖަމިއްޔާތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިތުރުން މިދަތުރުން ހާސިލްވި ކަންތައްތަކުގެ މައްޗަށް ބަލާލައި މައުލޫމާތު ދޭނެއެވެ.
ބާސްކެޓްބޯޅައިގެ ގަދަބާރެއް ކަމުގައިވާ ވިކްޓަރީގެ ނަމުގައި ހިންގަމުންއައި ކްލަބް ތަފާތު މެނޭޖްމަންޓަކާއި އެކު ބާސްކެޓްބޯޅައިގެ މައިދާނަށް ނުކުމެފައިވަނީ 2008 ވަނަ އަހަރުއެވެ. ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާ ޓީރެކްސް ޓީމް، 5 ވަނަ އެމްބީއޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ސްރީލަންކާގެ ޗާލްޓަން ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެއެވެ. މިމެޗު އެމްއެންބީސީ ވަން އިން ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.