މޫސުމް ގޯސްވެ ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދޭތެރޭ ދުއްވާ ލޯންޗުތަކުގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓާއި ދެމެދު ގިނަ ލޯންޗުތަކެއް ދަތުރުކުރެ އެވެ.
ލޯންޗު ދަތުރުތައް އިއްޔެއިން ފެށިގެން މެދުކަނޑާލާފައިވާއިރު ދަތުރުކުރާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައި އެވެ. ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން “އޯޗީ” ގެ ބާރުގަދަވުމާ ގުޅިގެން އިއްޔެވެސް ދެ ފަހަރެއްގެ މަތިން ވަނީ މޫސުމާ ބެހޭ ގައުމީ މަރުކަޒުން ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މިހާރުވެސް ވަނީ ހއ ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެ، ދަތުރުނުކުރަން އަންގާފައި އެވެ.
ކުރިއަށް އޮތް ގަޑިތަކުގައި އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
ތޫފާނާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އިތުރަށް ގެއްލުން ލިބިދާނެ ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.