މޫސުން ގޯސްވުމުން މިއަދު ހަވީރު މާލެއިން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ބާދުޝާހް ބޯޓް މިރެއަށް ލަސްކޮށްފި އެވެ.
މިއަދު ހަވީރު 5 ޖަހާއިރަށް ފުރުމަށް ޝެޑިއުލްކޮށްފައިވާ ދަތުރު މޫސުމް ގޯސްވުމުގެ ސަބަބުން މިހާރު އިނީ މިރޭ ދަންވަރު 3 ޖަހާއިރަށް ފުރާގޮތަށް ހަމަޖައްސާފަ އެވެ.
ބާދުޝާހް ބޯޓް ދުއްވާ ކުންފުނީގެ އޮފިޝަލަކު ކޭއޯއަށް ބުނީ މޫސުމް ގޯސްވުމުގެ ސަބަބުން ދަތުރު ލަސްކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވީރު މާލެ އިން ކުޅުދުއްފުއްޓަށް ދަތުރުކުރާނީ މިރޭ މެންދަމު ތިން ޖަހާއިރު ކަމަށެވެ.
އިންޑިއާ ކަނޑުގައި ރާއްޖެއާ ސްރީލަންކާއާ ކައިރި ހިސާބެއްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ރާއްޖެއަށް އޭގެ އަސަރުކުރަމުންދާއިރު ކަނޑު ދަތުރުފަތުރުތައް މި ވަގުތު ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫންކަމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު ވެސް ހއ އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުންނެވެ. މިރޭ 8 ޖެހުމާ ހަމައަށް ޔެލޯ އެލާޓް ވަނީ އިތުރުކޮށްފަ އެވެ.