twitterviber whatsapp telegramfacebookyoutube instagram
20th April 2024

އާސަންދައިން ދީފައިވާ އެއްވެސް ހިދުމަތަކަށް ފައިސާ ލިބިފައެއް ނެތް: ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު

Dec 8, 2017

އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް (އެންއައިއައި) އާ ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ މިއަހަރު ޖުލައިމަހުގެ ކުރީކޮޅު އެވެ. ހަވާލުކުރިއިރު ސަރުކާރުން ޝަރުތުކޮށްފައިވަނީ ރާއްޖޭގެ އެހެން ޕްރައިވެޓް ހޮސްޕިޓަލުތަކުގައި ނަގާ ކޯޕޭމެންޓް ނުނެގޭނެ ގޮތަށެވެ. އަދި ހުރިހާ ހިދުމަތެއްވެސް ދިވެހިންނަށް ދޭން ޖެހޭނީ އާސަންދައިން ކަމަށެވެ. ހޮސްޕިޓަލު ހަވާލުކުރިތާ ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގޮސް މިހާރު ވަނީ މަޑުޖެހި، ފައިސާގެ ދަތިކަން ކުރިމަތިވެ ބައެއް ހިދުމަތަކަށް ވަނީ ބުރޫއަރަން ފަށައިފަ އެވެ.

އެގޮތުން ސަޕްލަޔަރުންގެ ބިލްތަށް ނުދެއްކި ޕެންޑުވަމުންދާކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައި އެވެ. ހޮސްޕިޓަލްއަށް ބައެއް ތަކެތި ވިއްކާ ސަޕްލަޔަރުންގެ ފަރާތުން މި ޝަކުވާ ކުރަމުން ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން ހޮސްޕިޓަލްއަށް ބައެއް ތަކެތި ސަޕްލައި ކޮށްފައިވާ ފަރާތްތަކަށް ފައިސާ ނުލިބި ތިން ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ނަން ހާމަކުރަން ނޭދޭ ބައެއް ވިޔަފާރިތަކުން ވަނީ ޔަގީންކޮށްދީފައެވެ. ހޮސްޕިޓަލްއަށް އާސަންދައިން ލިބެންޖެހޭ ޕޭމަންޓްތަކެއް ނުލިބިގެން، ސަޕްލަޔަރުންނަށް ފައިސާ ނުދެއްކިފައި ތިބެންޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިހެންވާނީ ވޯކިން ކެޕިޓަލްއަށް ބޭނުންވާ ފައިސާ ވެސް އިންޑިއާގެ މައިކުންފުނިން އިންވެސްޓް ނުކުރާތީކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ހޮސްޕިޓަލް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ފައިސާ ނެތްނަމަ ނުވަތަ އިންވެސް ނުުކުރާނަމަ، ބޮޑެތި އިންވެސްޓްމަންތައް ކުރެވިދާނެ ކަމާމެދު ރައްޔިތުންނަށް ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓާ ހިންގާ ކުންފުންޏަށް ފައިސާ ލިބެން އަންނަނީ އާސަންދައިން ދޭ ހިދުމަތްތަކުން ލިބޭ ފައިސާއިން ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މިފައިސާ ސަރުކާރުން ހޮސްޕިޓާ ހިންގާ ކުންފުންޏަށް ޖަމާކޮށްދީފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ހިދުމަތަކަށް ބުރޫއަރަން ފަށާފައިވާ ކަމަށެވެ.

” މިއަދާ ހަމައަށް އާސަންދައިން އަޅުގަނޑުމެނަށް އެއްވެސް ޕޭމެންޓެއް ނުލިބޭ. ދެން އަޅުގަނޑު އެންސްޕާ އާއިވެސް ވާހަކަ ދެއްކިން ހެލްތް މިނިސްޓްރީ، އާސަންދައާއިވެސް ވާހަކަ ދެއްކިން، އެބޭފުޅުން ހަމަ އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވާ ފައިސާ ހަމަ ބަރާބަރަށް ލިބޭނެ ކަމަށް. ” ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އައިޖީއެމްއެޗް ފިޔަވާ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ސަރުކާރުގެ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ. އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް އާއި ދިވެހިންގެ ބަޔަކު ހިއްސާވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިޓް ލިމިޑެޓްއާއެކު ހަދާފައިވާ ޖޮއިންޓްވެންޗާގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަމުން އަންނައިރު ޓައިމްލައިނާ އެއްގޮތަށް ތަރައްގީގެ ޕްރޮޖެކްޓްތަށް ކުރިއަށް ނުދާކަމުގެ ޝަކުވާތަށް ވަނީ ވަރަށް ބޮޑުވެފައި އެވެ.

އޮފިޝަލް ވިދާޅުވީ، އެންއައިއައި އިން ހަވާލުވި ފަހުން ބައެއް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާ ހިދުމަތްތަށް ފެށުމަށް މެޝިނަރީސްއަށް ހަރަދުކުރަމުން ގެންދާއިރު އާސަންދައިން ދީފައިވާ ހިދުމަތްތަކުގެ ފައިސާ ލިބުމުގެ ދަތިކަމެއް އުޅެންޔާ އޮޕަރޭޝަންތަކަށް ތާށިކަމެއް އަންނާނެ ކަމަށެވެ. އަދި އެންއައިއައި އިން ރާއްޖޭއަށް ފައިސާ ފޮނުވުމުގައި އިންޑިޔާގެ ސަރުކާރުން ދަތިކުރުންތަކެއް ގެންގުޅޭކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެންއައިއައި އިން ފަރާތުން ލިބެންޖެހޭ އެއްވެސް ފައިސާއެއްވެސް އަދި ލިބިފައިވާނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިޓް ލިމިޑެޓް ޑިރެކްޓަރު އަލީ އުސެއިދު އާ ސުވާލުކުރުމުން ވިދާޅުވީ ފައިސާގެ ދަތިތަކެއް އުޅޭކަމަށާއި ނަމަވެސް އެކަންތަން ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ.

“އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހެލްތް މިނިސްޓްރީގެ އެއްބާރުލުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަރަށް ފުރިހަމައަށް ލިބޭ އިގޭތޯ. ވަރަށް ކޯޕަރޭޓިވް އެބޭފުޅުން. އަޅުގަނޑުމެން ހަމަ ދަންނަވާ ހުރިހާ ކަމަކަށް އެބޭފުޅުން ހަމަ ފުރިހަމަ އެއްބާރުލުން ދެއްވާ ސަޕޯޓް ލިބޭ. އެބޭފުޅުންނަށް ވާވަރުން ކަންކަން އަޅުގަނޑުމެނަށް މަގުފަހިކޮށްދެއްވަމުން ގެންދަވަނީ. އެކަމަށް ހަމަ ހެލްތް މިނިސްޓަރަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން.” އުސެއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުންވެސް ވެދެން ހުންނަ އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ކަމަށާއި ސަޕްލަޔަރުންގެ ޕެންޑްވެފައިހުރި ބިލްތަކަށް ފައިސާ ދައްކާނެކަމުގައި ޔަގީންކަން ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355