twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ: އުސެއިދު

Dec 8, 2017

ފައިސާގެ ދަތިތަކެއް ދިމާވެފައިވަނީ ހަމައެކަނި އާސަންދައިންގެ ތެރެއިން ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ ނޫން ކަމަށާއި ޓައިމްލައިނާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރެވެމުން ނުދަނީ އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އަހަމިއްޔަތު ދެމުން ނުގެންދާތީކަމަށް އެކުންފުންޏާއެކު ޖޮއިންޓް ވެންޗާ ހަދާފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަލްއިން ހާމަކޮށްފި އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު މިރޭ ވިދާޅުވީ، ފައިސާގެ ދަތިކަން ކުރިމަތިވެފައިވަނީ ހަމައެކަނި އާސަންދައިގެ ތެރެއިން ލިބެން ޖެހޭ ފައިސާ ލިބުން ލަސްވެގެން ނޫން ކަމަށާއި އިންޑިޔާގެ ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓުން ލިބެން ޖެހޭ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭތީ ކަމަށެވެ. ޑޮކްޓަރުންގެ ދަތިތަކެއްވެސް ކުރިމަތިވެގެން މިއުޅެނީ އެފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާތީކަމަށް އުސެއިދު ވިދާޅުވި އެވެ.

އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރުގެވެސް މަގާމު ފުރުއްވަމުން ގެންދަވާ އުސެއިދު ވިދާޅުވީ ޑޮކްޓަރުން ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި ކުރިން ތިއްބެވި ބައެއް ޑޮކްޓަރުން އެގްރިމެންޓް އާ ކުރުމުގެ ކުރިން މިނިސްޓްރީން ދޭން ޓެސްޓުން ފާސްނުވުމުން ހަތަރު ޑޮކްޓަރުން ފޮނުވާލާފައިވާތީ ދިމާވެގެން އުޅޭ ދަތިކަމެއް ކަމަށެވެ. އަދި އެކަން އެއްމަސް ދުވަހުގެ ކުރިން އެންއައިއައިގެ އެމްޑީ ފައިޒަލް ޙާން އަށް އަންގާފައިވާނޭ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ދެއްވާފައިނުވާ ކަމަށް އުސެއިދު ވިދާޅުވި އެވެ.

“މިކަމުގައި ސަރުކާރު ބަދުނާމުކުރުމުގެ ޖާގައެއް ނެތް ހަގީގަތަށް ދަންނަވަންޏަކާއެއް. ހަގީގަތަކީ އަޅުގަނޑުމެންނަށް މިކަން ނުކުރެވި މިވަނީ މީގަ ބެކަޕް ދޭން ބުނި ފަރާތުން އެއީ ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓްގެ ފަރާތުން، މިކަމަށް ދޭން ވާ އަހަމިއްޔަތުކަން އެންމެ ރަނގަޅަށް ދެވިފަ ނެތީމައޭ.” އުސެއިދު ވިދާޅުވި އެވެ.

ޑޮކްޓަރުންގެ މައްސަލާގައިވެސް ލިޔުމުން، އީމެއިލް މެދުވެރިކޮށް ދިޔައީ ދުރާ އަންގަމުންކަމަށާއި އޭގެ އިތުރުން ގުޅައިގެން އަންގާފައިވާނޭކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓްގެ ފަރާތުން މިހާތަނަށް ފައިސާގެ އެއްވެސް އެހީއެއްދީފައިނުވާ ކަމަށް އުސެއިދު ވިދާޅުވި އެވެ.

“ފައިނޭޝަލް ހުރިހާ ސަޕޯޓަކާއި ޑޮކްޓަރުންގެ ހުރިހާ ސަޕޯޓެއް ދެއްވާނެކަމަށް ވިދާޅުވެފައިމިވަނީ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓުން. އެހެން ވީމާ އެބޭފުޅުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ފުރިހަމައަށް އަޅުގަނޑުމެންނަށް ނުލިބޭ.” އެންއައިއައި ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ، ބިލްތަކަށް ފައިސާ ނުދެއްކި ޑޮކްޓަރުން ނުގެނެވި މިމައްސަލަތަށް ދިމާމިވީ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓުން މިކަމަށް ދެއްވަން ޖެހޭ އަހަމިއްޔަތު އެކަށީގެންވާ ވަރަށް ނުދެއްވަ، މިކަމަށް އަޅާނުލެއްވުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން، ހެލްތް މިނިސްޓްރީގެ ފަރާތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަރަށް ބޮޑަށް އެހީތެރިވެ، ވަރަށް ގިނަ ފަސޭހަ ތަށް ކޮށްދެއްވާ، ފޯރުކޮށްދެއްވާކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ވަރަށް ފުރިހަމައަށް ލިބޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުން – 90 ދުވަހުގެ ޓާގެޓެއް ކާމިޔާބެއް ނުވި

އުސެއިދު ވިދާޅުވީ އެހެންނަމަވެސް ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުން ވެސް ކަންކަން ކުރަމުންދާ ކަމަށާއި ބައެއް މެޝިނަރީތައް މިހާރު ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. ދަތިތަކާ ކުރިމަތިވަނީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ފޯރުކޮށްދެމުން ނުދާތީ ކަމަށެވެ. މިހާރު ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލު ވާނީ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުން އެކަންކަން ހައްލުކުރުމުން ކަމަށެވެ. ދަތިތައް ހައްލުކުރާނެ ކަމަށް އެ ފަންޑުން ބުނެފައިވާކަން ވެސް އުސައިދު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355