ށ މިލަންދޫއަށް މިއަދު ނަގޫރޯޅިއެއް އަރައި 3 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މިއަދު މެންދުުރު 12:15 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންވި 3 ގެއަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
“އަވަސް” އަށް ދެއްވި އިންޓަވިއުއެއްގައި މިލަންދޫ ކައުންސިލްގެ މެންބަރު އަބްދުﷲ އާތިފު ވިދާޅުވީ ރަށް ހުރަސްކޮށް އަރައިގެން ދިޔަ ނަގޫރޯޅީގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް ގެއްލުންވެފައިވާ ކަމަށާއި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދައި، އެކަން ޑިޒާސްޓާ މެނޭޖްމެންޓަށް އެންގުމަށް ރިޕޯޓް ތައްޔާރުކުރަމުންދާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ތިން ގެއަކަށް ބޮޑެތި ގެއްލުންތައްވެފައިވާކަމަށާއި އެގޮތުން ގެއްލުންވި ގެތަކުގެ ތެރެއިން އެއް ގޭގައި ފުރާޅު އެއްލާލައި، ސީލިންގް ވެސް ހަލާކު ގެއިން ކަރަންޓު ކެނޑިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ވެސް ބައެއް ގޭގައި ފަރުނީޗަރަށާއި ޓީވީ ފަދަ ތަކެއްޗަށް ގެއްލުންތައް ވެފައިވާކަމަށް އާތިފް ވިދާޅުވި އެވެ.
މިއަދު އެރަށަށް ނަގޫރޯޅިއެއް އެރިނަމަވެސް، އެ ރަށަށް މޫސުން ރަނގަޅެވެ.