އިބްރާހިމް ހަމީދު
އަފީފުއްދީން ސްކޫލުގެ ސީނިއަރ ކުދިންނަށް އަމާޒު ކޮށްގެން ބާއްވާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 2011 ނިމިއްޖެއެވެ.
މިމަހު 21 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށި މިމުބާރާތުގެ ފައިނަލްގައި އިއްޔެ ހަވީރު ފަރީދީ ހައުސް އާއި ޣާޒީ ހައުސް ބައްދަލުކުރި މެޗު 2 – 1 ލަނޑުން ކާމިޔާބު ކޮށްގެން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޣާޒީ ހައުސްއެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ ޖޯޒީ ނަމްބަރު 09 އަހްމަދު އައިރީން އަލީ އެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ފަރީދީ ހައުސްގެ އަމްޖަދު ޔަހްޔާ ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޣާޒީ ހައުސްގެ އަހުމަދު އަސްމީނެވެ. އެންމެ މޮޅު ފޯވާޑަކަށް ފަރީދީ ހައުސްގެ ހުސެއިން އާދަމް ހޮވުނު އިރު 7 ގޯލު ޖަހައިގެން އެންމެ ގިނަގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މަޖީދީ ހައުސްގެ އަހުމަދު ނައީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަރީދީ ހައުސްގެ ހަސަން މުހައްމަދެވެ. މީގެ އިތުރުން މުބާރާތުގެ ފެއަރ ޕްލޭޔަރ އަށް ޣާޒީ ހައުސްގެ ފައިސަލް އަހުމަދު ހޮވުނު އިރު އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފަރީދީ ހައުސްގެ ނައުފަލްއެވެ. ވަނަވަނައަށް ދިޔަ މަގާމްތަކަށް އިނާމް ހަވާލު ކޮށްދެއްވީ މިމުބާރާތުގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށީގެ ކުޅިވަރުގެ ހަރަކަތްތަކުގައި އުޅުއްވާ ބޭފުޅެއްކަމަށްވާ އަހްމަދު އާދަމް ޕެރިސްގެ އެވެ.
މިމުބާރާތަކީ އެހެން އަހަރުތަކާއި ހިލާފަށް މުބާރާތުގެ މެޗުތައް ކުޅުމަށް ރަސްމީ ފުޓުބޯޅަ ދަނޑުގެ ބޮޑުމިން އަދި ބޮޑު ގޯލު ބޭނުންކޮށްގެން ބޭއްވުނު މުބާރާތެކެވެ. މިމުބާރާތުގައި މިއަހަރު އެސްކޫލުގެ މަޖީދީ ހައުސް، ފަރީދީ ހައުސް، އަމީނީ ހައުސް، އަދި ޣާޒީ ހައުސް އިން 70 ކުދިން ބައިވެރިވެފައި ވެއެވެ.