twitterviber whatsapp telegramfacebookyoutube instagram
24th April 2024

އާސަންދަ ބިލުތަކެއް ވަނީ އޮޅުވާލާފަ، މައްސަލަ ޖެހުނީ ހިޔާނާތާ ދެކޮޅުހެދުމުން: އުސެއިދު

Dec 14, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާސަންދައަށް ބިލްކޮށްފައިވާ، ބިލްތަކެއްގައި އޮޅުވާލުންތަކެއް އުޅޭކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ހޮސްޕިޓާ ހިންގާ މައި ކުންފުނި އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓާއި އެކުންފުންޏާއެކު ޖޮއިންޓް ވެންޗާ ހަދާފައިވާ ދިވެހި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަލްއާ ދެމެދު ހިޔާލު ތަފާތުވެ، ހިދުމަތްތަކަށް ބުރޫއަރާފައިވަނީ އިންޑިޔާގެ ކުންފުނިން ކުރަން އުޅުނު ހިޔާނާތުގެ މައްސަލަތަށް ހާމަކޮށް، އެކަމާ ދެކޮޅު ހެދުމުން ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަލްއިން ހާމަކޮށްފި އެވެ.

ޑޮކްޓަރުންގެ ދަތިކަން ކުރިމަތިވެ، ބައެއް ހިދުމަތަކަށް ބުރޫ އަރާފައިވާތީ ހެލްތް މިނިސްޓްރީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރުން ފޮނުވުމަށް ނިންމާފަ އެވެ.

ކޭއޯ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ ދިވެހި ކުންފުނީގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ އާސަންދަގެ އިންނަ އުސޫލުގެ ބޭރުން އަގު ބޮޑުކޮށް އާސަންދަ ކުންފުންޏަށް ބިލްކޮށްފައިވާކަން އެނގިފައިވާ ކަމަށާއި އެކަން މުވައްޒަފުން ލައްވައި ކުރުވީ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަންގެ އެމްޑީ ފައިޒަލް ޙާން ފޮނުވި ސީނިއަރ މުވައްޒަފަކު އަންގައިގެން ކަމަށް މިހާތަނަން ބެލިބެލުމުން އެނގިފައިވާކަމަށް އުސެއިދު ވިދާޅުވި އެވެ.

އާސަންދަ ބިލްތަކަކަށް ބޮޑު އަގުގައި ބިލްކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް، އެންއައިއައި އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އުސެއިދު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަތުރާފައިވާ ޙަބަރުގައި “އިންތިހާއަށް” ބޮޑެތި އަދަދުތަށް ބިލްގައި ހިމަނާފައިވާކަމަށް ބުނާ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ބިލްތަކުގެ އަގު ބޮޑުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެންއައިއައި ގެ އެމްޑީ ފައިޒަލް ޙާން–

އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އުސެއިދު ވިދާޅުވީ އާސަންދައިގެ ބިލުތަކެއް އޮޅުވާލާފައިވާކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. އާސަންދަ ބިލްތަށް އޮޅުވާލައި މުވައްޒަފުންނަށް ބިލްތަކުގައި ބޮޑުތި އަގު ޖެހުމަށް އެންގިކަން ދިވެހި ކުންފުންޏަށް އެނގިފައިނުވާ ކަމަށާއި އެމައްސަލަ ހިފައިގެން އެއްވެސް މުވައްޒަފަކުވެސް މެނޭޖްމަންޓާ ހަމައަށް އައިސްފައިނުވާ ކަމަށް އުސެއިދު ވިދާޅުވި އެވެ.

“ދެން އެކަން ކުރެވިފައިވަނީ އެކޮޅުން ފޮނުވާފައިވާ ސީނިއަރ ބޭފުޅެއްގެ ފަރާތުން ކަމަށާއި އެކަމާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނާ ވާހަކަ ދެއްކުމުން އެނގިގެންދިޔައީ އާސަންދައިން ފޮނުވާ ބިލުތަކުގައި ބޮޑުކޮށް އަގު ޖެހުމަށް އެމީހުންނަށް އަންގާފައިވަނީ އިންޑިޔާއިން ފޮނުވި ސީނިއަރ މުވައްޒަފުކަން.” އުސެއިދު ވިދާޅުވި އެވެ.

އެމައްސަލަ ފެންމަތިވުމާއެކު އެންއައިއައިގެ ޑިރެކްޓަރ ފައިޒަލް ޙާން އަށް ގުޅުއްވާ ހިތްހަމަނުޖެހުންފާޅުކުރިކަމަށް އުސެއިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަވައިދާ ހިލާފަށް އޮޅުވާލައިގެން ބިލެއް ހަދައިގެން ދިވެހި ރައްޔިތުންގެ ފައިސާއިން އެއްވެސް އެއްޗެއް ނަގާކަށް ބޭނުންނުވާ ކަމަށާއި އެކަން ފައިޒަލް ޙާންއަށްވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުސެއިދު ވިދާޅުވީ ބިލްތަކުގެ މައްސަލަ ވާނީ އާސަންދަ ކުންފުންޏާއި ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިކަމަށެވެ.

“އަޅުގަނޑު ފައިޒަލް ޙާންއަށް ދެންނެވިން، އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވެގެން ވިޔަފާރިކުރާނެ މީހެއް ނޫންކަމަށް. އަޅުގަނޑު ހުރިގެން އަދި އަޅުގަނޑަށް އެނގިގެން އެފަދަ ކަމެއް ކުރިއަކަ ނުދޭނެ ކަމަށާއި އެކަމަށް ބައިއަތުނުހިފާނެކަމަށް” އެންއައިއައި ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވި އެވެ.

އެވާހަކަތަށް ދެންނެވުމުން އެންއައިއައިގެ އެމްޑީ ފައިޒަހް ޙާން އެކަމަށް އެހާ ބޮޑު އެއްބާރުލުމެއް ދީފައިނުވާ ކަމަށް އުސެއިދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ދެ ކުންފުނި ދޭތެރޭގައި ޖެހިގެން އުޅޭ މައްސަލައަކީ މީއީ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެމްޑީ ފައިޒަލް ޙާން އަދި ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު–

އާސަންދައިގެ އުސޫލުތަކުގެ ދަށުން ނަގަންޖޭހޭ އަދަދަށްވުރެ ބޮޑެތި އަދަދު ޖެހުމަކީ ވައްކަން ކުރުން ކަމަށާއި އަދި އިންޑިޔާއިން ފޮނުވާފައިހުރި މެޝިންތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުކަން ފާހަގަކުރެވިފައިވާތީ އެކަންވެސް ބަލަމުން އަންނަކަމަށް އުސެއިދު ވިދާޅުވި އެވެ.

މައްސަލަ ތަށް ހައްލުކުރުމަށް މިމަހު 17 ވަނަ ދުވަހު ބޯޑް މީޓިންގި އެއް ބާއްވާން ފައިޒަލް ޙާން ގާތުގައި އެދިފައިވާނޭ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެލްތް މިނިސްޓްރީ ދެއްވާ އެއްބާރުލުން އުސެއިދު ވަނީ ފާހަގަކުރައްވާފަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމާ ގުޅޭގޮތުން ނޫރުލް އިސްލާމްއާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ހުރިހާ މަސައްކަތްތަކެއް ކުރިއަށް ނުދާކަން މިނިސްޓްރީއަށްވެސް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން އެގްރީމެންޓުގައި ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ޑޮކްޓަރުން ހޯދުމާއި، ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށް އެކުންފުނިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަމުން ނުދާކަމަށް މާހިރު ވިދާޅުވިއެވެ. މާހިރު ވިދާޅުވީ މިމައްސަލަ ދިމާވީ ނޫރުލް އިސްލާމާއި އެމީހުންގެ ދިވެހި ކޮންޓްރެކްޓަރާ ދެމެދު އުފެދިގެންއުޅޭ ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުންކަމަށާއި އެމައްސަލަ ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.

ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ: އުސެއިދު

އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ މިހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމައަށް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދޭތޯ ހެލްތު މިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށާއި އެގޮތުން ހޮސްޕިޓަލަށް ދިމާވެފައިވާ މެޑިކަލް އޮފިސަރުން މަދުވުމުގެ މައްސަލައާއި، އެހެނިހެން ބައެއް ހިދުމަތްތައް ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށްވެސް މާހިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355