twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުފެއްދުއްތެރި ގޮތެއްގައި ހުސްވަގުތު، ކާމިޔާބީއަށް މަގެއް!

Dec 26, 2017

މަސައްކަތުގެ ދާއިރާއިން ކާމިޔާބު މީހެކޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިތައް އަރާނެ ސުވާލަކީ، އޭނާ އެހިސާބަށް ދިއުމަށް ކުރީ ކޮން ކަމެއްބާއެވެ؟ ނުވަތަ އަހަރެންނަށް ވެސް އެފަދަ ކާމިޔާބު މީހަކަށް ވެވިދާނެބާއެވެ؟

ކާމިޔާބު މީހުންނަކީ އެހެންމީހުންނަށް ވެސް ކާމިޔާބު ހޯދުމަށް ހިތްވަރު ދޭ މީހުންނެވެ. އެމީހެއްގެ އަމިއްލަ ދިރިއުޅުމާއި، މަސައްކަތުގެ މާހައުލުގެ ޒިންމާތައް އަދާކުރެވޭ މީހުންނެވެ. އުފެއްދުންތެރި ކަންކަން ހޯދާ ބަލާ، އެ ކަންކަން ދިރުވަން މަސައްކަތް ކުރާ މީހުންނެވެ. އަދި ހަމަ އެހެންމެ ކުރާ މަސައްކަތަކުން އެހެން މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުމާއި އެކު އާމްދަނީ ހޯދަމުން އަންނަ މީހުންނެވެ.

ދުނިޔޭގައި ފާހަގަ ކޮއްލެވޭ ކާމިޔާބު މީހުންގެ ދިރިއުޅުމަށް ނަޒަރު ހިންގާލާއިރު، އެމީހުންނަށް އެންމެ މަދު އެއްޗެއް ކަމުގައި ވަނީ ހުސްވަގުތެވެ. އެހެންނަމަވެސް އެފަދަ މީހުން ބުނާ ގޮތުން އެމީހުންގެ ކާމިޔާބީ ބިނާވެފައިވަނީ އެލިބޭ ކުޑަކުޑަ ހުސްވަގުތު ކޮޅުގެ ތެރޭގައި ކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ.

ކަސްރަތު ކުރުން

އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކަސްރަތު ކުރުމަކީ ވަރަށްވެސް ބޭނުންތެރި ކަމެކެވެ. އެގޮތުން މަސައްކަތުން ވީއްލި ކޮންމެ ދުވަހެއްގެވެސް މަދުވެގެން ބައި ގަޑިއިރެއްހާ އިރު ކަސްރަތު ކުރުމުގައި ހޭދަ ކޮއްލުމަކީ ކާމިޔާބު ދިރިއުޅުމަކަށް އެޅޭނެ ފުރަތަމަ ފިޔަަވަޅު ކަމުގައި ބަލަމާ ހިންގާށެވެ. މީގެ ސަބަބުން މިހާގެ އަހުލާގި މިންގަނޑު ހިފެހެއްޓުމަށް އެހީތެރިވެދިނުމުގެ އިތުރުން، މަސައްކަތުގެ ތެރޭގައި ދިމާވާ ބޯހާސްވުން ފަދަ ކަންކަމުން މީހާ ދުރުކޮށްދީ، މީހާ ތާޒާ ކޮއްލަދެއެވެ.

މައުލޫމާތު ލިބޭފަދަ ފޮތްތައް ކިޔުން

ފޮތް ކިޔުމަކީ މީހެއްގެ ގައިގައި ހަރުލައިފާ ހުރުން ވަރަށް މުހިންމު އާދައެކެވެ. ފޮތް ކިޔުމުގެ ސަބަބުން އިންސާނާގެ ސިކުނޑި ތަނަވަސްވެއެވެ. ދުނިޔޭގައި ހިނގަމުންދާ ގިނަ ކަންތައްތަކެއްގެ މައުލޫމާތު ލިބި، މީހާ އަކީ ދުނިޔެއަށް ލޯ ހުޅުވޭ މީހަކަށް ބަދަލުވެއެވެ. ގިނައިން ފޮތްތައް ކިޔުމުގެ ސަބަބުން، މީހުންނާ މުއާމަލާތު ކުރުމުގައި ބޭނުންކުރަންވީ އެންމެ ރަނގަޅު ބަސްމަގު ދަސްވެއެވެ. އެކި އެކި ހިސާބު ތަކުގެ ސަޤާފަތްތަކަށް ލޯ ހުޅުވެއެވެ. އިތުރު ހުނަރުތަށް ގައިގައި ހަރުލެއްވުމަށް އެހީވެދެއެވެ. އެހެން ކަމުން މައުލޫމާތު މުއްސަނދި މީހަކަށް ވުމަކީ ކާމިޔާބު މީހެއްގެ އެއްސިފައެވެ.

އާއިލާއާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރުން

ކާމިޔާބު މީހަކަށް ވުމަށްޓަކައި ތިމާގެ ހުރިހާ ވަގުތެއް އާމްދަނީ ހޯދުމުގައި ނުވަތަ މަސައްކަތުގައި ހެދަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ގިނަވަގުތު މަސައްކަތުގައި މަޝްއޫލުވެ އުޅުމުގެ ސަބަބުން އޮންނަނީ އާއިލާ އަށާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. އެހެން ކަމުން ލިބޭ ހުސްވަގުތުގައި އާއިލާ އާއިއެކު އަދި ރަހުމަތްތެރިންނާއި އެކު ވަގުތު ކޮޅެއް ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން އިންސާނާގެ ސިކުނޑި ހަމަޖައްސާދީ، ގުޅުންތައް ބަދަހި ވެގެންދެއެވެ.

އެމީހަކު އެންމެ ކުރަހިތްވާ ކަންކަމުގައި ވަގުތު ހޭދަކުރުން

ކޮންމެ މީހެއްގެވެސް އެންމެ ކުރާހިތްވާ ވަކި ކަމެއް އޮންނާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެގޮތުން ކުރެހުމާއި، ލަވަކިޔުމާއި، ފުޓުބޯޅަކުޅުމާއި، ތަފާތު ގޭމްތައް ކުޅުމަކީ މި މުޖުތަމައުއަށް ބަލާލިކަމުގައިވިއަސް ހުސް ވަގުތުގައި ގިނަބަޔަކު ކުރާ އާންމު ކަމެކެވެ. މިފަދަ ކަންކަމަކީ ހުސް ބޭކާރު ކަންކަން ކަމުގައި މީހުން ހިތަށް އަރާފާނެއެވެ. އެހެން ނަމަވެސް މިކަންކަމަށް އުފެއްދުންތެރި ނަޒަރަކުން ބަލާލަމާ ހިންގާށެވެ.

ކުރަހާ މީހެއްގެ ކުރެހުމުގެ ފެންވަރު އަންނާނީ ދުވަހެއްދުވަހަކަށް ކުރި އަރަމުންނެވެ. އޭނާގެ ވިސްނުން ދާނީ ތަފާތު ދާއިރާ ތަކަށް ކޮންމެ ދުވަހަކުވެސް ފުޅާވަމުންނެވެ. އަދި ހަމަ އެގޮތަށް މޮޅެތި ކުރެހުންތަކެއް ކުރަހައިގެން އާމްދަނީ ހޯދުމަކީވެސް އޭނާއަށް ކުރެވިދާނެ ކަމެކެވެ.

ކުރިން ބަޔާންކުރެވުނު ކޮންމެ ކަމަކީވެސް ހަަމަ މިފަދަ އުފެއްދުންތެރި ނަޒަރަކުން ވިސްނައިފިނަމަ ހަމަ މޮޅެތި ލަވަކިޔުންތެރިންމާއި، ފުޓުބޯޅަ ކުޅުންތެރިންނާއި އަދި ފާހަގަ ކޮއްލެވޭ ގޭމާރސް އަށް ވުމަކީ ދުރުގައި އޮތް ކަމެއްނޫނެވެ. އެމީހަކު ޝައުގުވެރިވާ ކަމެއް ކޮށްގެން އެކަމަކުން ނަފާ ހޯދުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355