ސަރަޙައްދީ ބަނދަރުތަކަށް ބާލާ މުދަލަށް، 2010 ގެ ޖުލައި 25 އިން ފެށިގެން އިމްޕޯޓް ޑިއުޓީގެ 30 އިންސައްތަ މާފު ކޮށްދޭން ފެށުމާގުޅިގެން އެ ޢިނާޔަތުގެ ދަށުން މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 3.7 މިލިއަން ރުފިޔާގެ މުދާ، ކުޅުދުއްފުށީ ބަނދަރަށް ބާލާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައެވެ.
ސަރަޙައްދީ ބަނދަރުތަކަށް ބާލާ މުދަލަށް، 2010 ގެ ޖުލައި 25 އިން ފެށިގެން އިމްޕޯޓް ޑިއުޓީގެ 30 އިންސައްތަ މާފު ކޮށްދޭން ފެށުމާގުޅިގެން އެ ޢިނާޔަތުގެ ދަށުން މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 3,765,000 ރުފިޔާގެ މުދާ، ކުޅުދުއްފުށީ ބަނދަރަށް ބާލާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން އައްޑޫ ހިތަދޫ ބަނދަރަށް 2010 ގެ ޖެނުއަރީ މަހުން ފެށިގެން ޖޫންގެ ނިޔަލަށް ބާލާފައިވާ މުދަލުގެ އަގަކީ، 5,191,000 ރުފިޔާ ކަމަށް ވީނަމަވެސް ޑިއުޓީ މާފުކޮށްދެވެން ފެށުމުން، އެހަރުގެ ޖުލައިން ޑިސެމްބަރަށް 44,535,000 ރުފިޔާގެ މުދާ، ހިތަދޫ ބަނދަރަށް ބޭލިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 2010 ވަނަ އަހަރުގެ ކުރީ 6 މަސްދުވަހާ އަޅާ ބަލާއިރު 857 އިންސައްތަ އިތުރު އަދަދެއްކަމަށާއި އެއީ މިކަމުގައި ލިބެމުންދާ ކުރިއެރުން ކަމަށް ވިދާޅުވިއެވެ.
ދިވެހި ފައިސާގެ އަގު މަތިކުރުމަށްޓަކައި ކުރުމުއްދަތެއްގައި ކުރަންޖެހޭ މުހިންމު ދެކަމެއް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެދެކަމަކީ ހެދިފައިވާ ޤާނޫނީ އިމުގެ ތެރެއިން ގަވާއިދުތައް ހަރުދަނާ ކުރުމާއި، ލަސްނުކޮށް އެކަންކަން ތަންފީޒުކުރުން ކަމަށެވެ. އެކަންކަން ކުރުމުގައި ސަރުކާރުން ކުރަންޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއްނެތި މިހާރުން މިހާރަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެއިތުރުން، ދުރު އަދި މެދުރާސްތާގެ އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް، އިޤްތިޞާދު ރޭވިފައިވާ ގޮތުގެ މައްޗަށް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތީން ދައުލަތުގެ ރިކަރެންޓް ޚަރަދުތައް، ލިބޭ އާމްދަނީއާ އެއްވަރެއްގައި ހިފަހައްޓަންޖެހޭކަމަށާއި ވޭތުވި އަހަރު،ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ސަރުކާރުން ކުރިން ދެމުންދިޔަ ޚިދުމަތްތައް ކޯޕަރަޓައިޒް ކުރުމާއި ޕްރައިވަޓައިޒްކުރުން ހިމެނޭކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި 2011 ވަނަ އަހަރު ސަރުކާރުން ކުރުމަށް ރާވާފައިވާ ގިނަގުނަ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދެއްކެވިއެވެ. ސަރުކާރުން ރާވާ މަޝްރޫއުތަކަށް އަމަލީ ސިފަ ގެނައުމަށާއި އެމަޝްރޫއުތައް ކާމިޔާބު ވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތް ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށް ވިދާޅުވެ ލާމަރުކަޒީ އުސޫލުން ތިމާވެށީގެ ދާއިރާގެ ކަންތައް ރެގިއުލޭޓް ކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އޮފީސްތައް މަތިއުތުރު ސަރަޙައްދާއި ދެކުނު ސަރަޙައްދުގައި މިއަހަރުގެ ތެރޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދުތައް ފާހަގަކޮށްފައިވާ ޗާޓެއް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދެވޭނެކަމަށާއި މީގެ އިތުރުން، ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމުގެ މިންގަނޑުތަކެއް އެކުލަވާލައި، ކުނިނައްތާލުމާބެހޭ ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރެވޭނެކަމަށެވެ.
މިއަހަރުގެ ތެރޭގައި ކުރުމަށް ރޭވިފައިވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާގެ ސަބްސިޑީ ދިނުމާއި، 25 ރަށެއްގެ ދަނޑުވެރިން ބާޒާރަށް ނެރެ ގަވާއިދުން ތަކެތި މާކެޓް ކުރެވޭނޭ މަގު ފަހިކޮށްދިނުމާއި، އަދި ދަނޑުވެރިކަމުގެ ތަމްރީނު ހަރުދަނާ އުސޫލަކުން ދިނުމަށްޓަކައި ލ.އަތޮޅު ގަމުގައި އަޅާ އެގްރިކަލްޗަރ ސްކޫލްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި 39 ރަށެއްގެ ބަނދަރުހެދުމާއި، 3 ރަށެއްގެ ލަފާފުރުން ޙައްލުކުރުމަށް ޖެޓީ ހެދުމާއި، 3 ރަށެއްގެ ބަނދަރުގެ މެއިންޓަނަންސް ޑްރެޖިންގ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެއިތުރުން، މަޑަވެލި ހޯޑެއްދޫ ގުޅުވުމަށް ކޯޒްވޭއެއް ހެދުމާއި، ބިންހިއްކިފައިވާ ރަށްރަށުގެ ރިވެޓްމަންޓް މަސައްކަތުގެ އިތުރުން، 7 ރަށެއްގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ވިލިނގިއްޔާއި ގުޅީފަޅު ބްރިޖަކުން ގުޅާލެވޭނެކަމަށާއި މާލެ އާއި ވިލިނގިއްޔާ ދެމެދު ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތް ހިންގޭނެ ގޮތްތައް މިއަހަރުގެ ތެރޭގައި ދެނެގަނެވި، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، މާލޭ ލޮނު ޒިޔާރަތްކޮޅުން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ގުޅުވާލެވޭ މަގެއް ބިނާކުރުންކަމަށާއި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިމެނޭ މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ލުއިކަން ހޯދުމާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި މަދަނައިގެ ދަށުން ޚިދުމަތްދެވޭ ރައްޔިތުންގެ އަދަދު ގިނަ ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ، 2011 ވަނަ އަހަރުގެ ނިޔަލަށް މަދަނައިގެ ޚިދުމަތް ލިބޭ މީހުންގެ އަދަދު އެއްލައްކައަށް އިތުރުކުރުންކަމަށެވެ. އަދި ސްރީލަންކާއާއި އިންޑިޔާގެ އިތުރުން، މަދަނަ ޕްލަސްގެ ޚިދުމަތް ލިބޭނެ ޤައުމުތައް އިތުރު ކުރުމުގެ މަސައްކަތްވެސް ހަމަ މިއަހަރުގެ ތެރޭގައި ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުވަނީ ރާއްޖޭގެ 5 ރަށެއްގައި ޓެލެމެޑިސިންގެ ޚިދުމަތް ތަޢާރުފް ކުރެވިފައިކަމަށާއި މި ޚިދުމަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުވައިދިނުމަށް، ކުރިމަތިވެފައި އޮތް ދަތިކަމުން އަރައިގަނެވި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިހާ ބަލިތަކަކަށް ފަރުވާދެވޭ ޑޮކްޓަރުން ބޭތިއްބުމުގެ ބަދަލުގައި، މި ނިޒާމު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޑޮކްޓަރުންގެ އެހީ، ރާއްޖޭގެ ބަލިމީހުންނަށް ލިބިގެންދާނެ ކަމަށްވިދާޅުވެ ރާއްޖޭގެ އިތުރު 34 ރަށެއްގައި ކުރިއަށް އޮތްތާނގައި މި ޚިދުމަތް ޤާއިމު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި 2 ބިލެއްގެ މަސައްކަތް ކުރުމަށްވަނީ ސަރުކާރުން ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. އެއީ، ހެލްތް ސަރވިސަސްގެ ބިލާއި، މެޑިކަލް ނެގްލިޖަންސްގެ ބިލްކަމަށާއި ސަރުކާރުން މިދެބިލް މަޖިލީހަށް ހުށަހެޅުމުން އަވަސް ފުރުޞަތެއްގައި އެދެބިލްގެ މަސައްކަތް ނިންމަވައި ދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް އެދިލެއްވިއެވެ.
މި ސަރުކާރުގެ މައިގަނޑު ފަލްސަފާއަކީ ހެޔޮވެރިކަމާއި އޯގާތެރިކަން ފޯރުވައިދިނުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި އެންމެހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ސަރުކާރުންކުރާ މަސައްކަތުގައި ކުޑަތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުޑަވެސް ލޮޅުމެއް އަޔަކަނުދެއްވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ބިލް އެމަޖިލީހުން އަވަސް މުއްދަތެއްގައި ނިންމަވާދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ސަރުކާރުގެ މައިގަނޑު ފަސް ވައުދު ފުއްދެމުންދާ މިންވަރާއި އެ ފަސްވައުދުގެ މައްޗަށް އެކުލަވާލެވިފައިވާ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭނުގައިވާ ކަންކަން ކުރެވެމުންދާ މިންވަރު ބަޔާންކޮށްދެއްވިއެވެ. އަދި 2011 ވަނަ އަހަރަށް ރޭވިފައިވާ ގިނަގުނަ ކަންތައްތަކެއްގެ ވާހަކަ މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ރިޔާސީ ބަޔާން ނިމުމުން ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުން ޖަވާބު ދެއްވުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެމައްސަލަ މަޖިލީހުގެ ކޮމެޓީ އަށް ފޮނުއްވިއެވެ.