ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަކަށް ޑީޓިއުން ބޭންޑް

ޚަދީޖާ އާދަމް - 11 މަސް ކުރިން - 26 ޑިސެމްބަރ 2017ޒުވާނުންގެ ތެރޭގައި މަގުބޫލު ބޭންޑެއް ކަމަށްވާ ޑީޓިއުން ބޭންޑް ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ޑީޓިއުން ބޭންޑަށް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ، އަލްފާޟިލް އިސްމާއިލް ރަޝީދު އެވެ.

މި ހަފްލާގައި ޑީޓިއުން ބޭންޑް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުން ކަމުގައި ހަމަޖެއްސެވުމުގެ އިތުރުން، ޑީޓިއުން ބޭންޑްގެ ލަވަތަށް އޮންލައިންކޮށް ދިރާގުގެ ޔޮންޑާ މިއުޒިކު އެޕުން ވަރަށް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ހިއްސާކުރިއެވެ.

ދިރާގުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ތަފާތު ފަންނުވެރިންނާއި އާރޓިސްޓުން ޑިޖިޓަލް މުއާސަލާތްތައް މެދުވެރިކޮށް އެމީހުންގެ މަސައްކަތް ކުރިއެރުވޭނެ ގޮތް މަގުފަހި ކުރާ ކުންފުންޏެއްކަމަށާއި މިގޮތުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަނުކުރެވޭ ފަރާތްތަކަކީ ޒުވާނުންގެ ތެރޭގައި ހީވަގިކަމާއެކު އެމީހެއްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.

ޑީޓިއުން ބޭންޑަކީ އެމީހުންގެ އަމިއްލަ ރާގުތަކަށާއި ތަފާތު ވީޑިއޯތަކަށް ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ ބޭންޑެކެވެ. މީގެ 21 އަހަރު ކުރިން އުފެދުނު މި ބޭންޑަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ މަގުބޫލު އެއް ބޭންޑުކަން ފާހަގަ ކޮށްލެވެއެވެ.


ގުޅުން ހުރި ލިޔުންތައް