twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކައުންސިލުން ހަދާފައިވާ ގަވައިދުތައް ތަންފީޒުކުރުމަށް އަމަލީގޮތުން މަސައްކަތްކުރަނީ

Dec 27, 2017

ކުޅުދުއްފުށީ ކައުންސިލުން ހަދާފައިވާ ބައެއް ގަވައިދުތައް ތަންފީޒުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

އާންމު އަދި އިޖްތިމާއީ ފަސޭހަތަކަށް ކައުންސިލުން ބައެއް ގަވައިދުތަށް ހަދާފައި ހުރި ނަމަވެސް ދުވަހުން ދުވަހަށް އެކަންތައްތައް ބަލައި އެގަވައިދުތަކަށް އަމަލުނުކުރާ ފަރާތްތައް ހޯދުމަށް ކައުންސިލުން މިހާރު ވަނީ މަސައްކަތްތަކެއް ފަށާފައި އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކުރީގެ ކައުންސިލުތަކުންވެސް އުސޫލުތަކެއް ހަދާފައި ހުއްޓަސް އެކަންކަން ތަންފީޒުކުރެވޭނެ ގޮތްތަކެއް ނެތް ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާރު މަޝްވަރާކުރަމުންދަނީ އެގޮތަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

“ގަވައިދުތަކެއް ހެދިފައި ހުރިނަމަވެސް އެއަކަށް މީހުންނެއް ބޮލެއް ނުލަބާ. އެހެންކަމުން ގަވައިދުތަކަށް އުޅެނީ ކޮންބައެއް ތޯ ބަލަން މީހަކު އެބަ ޖެހޭ ބަހައްޓަން.” އަބުދުލް ލަތީފް ވިދާޅުވި އެވެ.

ލޯކަލް ބަނދަރުގައި އޮޑި ދޯނި ފަހަރު އެޅުމުގެ ގަވައިދާއި މަސްމާރުކޭޓް ބޭނުންކުރުމުގެ ގަވައިދުގެ އިތުރުން ހޮނިހިރު ބާޒާރުގައި ތަކެތި ވިއްކުމުގެ ގަވައިދެއްވެސް ކައުންސިލުން ވަނީ ހަދާފަ އެވެ. އެ ގަވައިދުތައް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ބައިތިއްބައިގެން ކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ އެކަމަށް ހާއްސަކޮށް މުވައްޒަފުން ނަގާނީ ކަމަށާއި އަދި ނެގުމަށް ހަމަޖެހިފައިވަނީ އެންމެ މުވައްޒަފަކު ކަމަށެވެ. އޭރުން ގަވައިދުތައް ތަންފީޒުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ދުވަސްތަކުގައި އޮޑި ދޯނި ފަހަރު ބަނދަރުގައި އަޅާފައި އޮންނަގޮތުން އަރާ ފޭބުމަށް ދަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ. ބަނދަރު ބޭނުންކުރުމުގެ ގަވައިދު ތަންފީޒުކުރަން ފެށުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355