ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ސިއްހީ މަރުކަޒު ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
ޑިސެމްބަރު 26 ވަނަ ދުވަހުގެރޭ ފިއްލަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ހަލީލްއެވެ. މިރަސްމިއްޔާތުގައި ހއ. ފިއްލަދޫގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ހއ. ދިއްދޫ، ބާރަށް، އިހަވަންދޫ، ކެލާ އަދި ހޯރަފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖުން ބައިވެރިވެފައިވާ ކަމުގައި އެރަށު ޕޮލިހުން މައުލޫމާތުދެއެވެ.
މޫދު ކަސްރަތު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ފިއްލަދޫގައެވެ. މި ޕްރޮގްރާމުގައި ފިއްލަދޫގެ 62 ކަނބަލުން ބައިވެރިވެ 57 ބައިވެރިންވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މޫދު ކަސްރަތު ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކޮށްފައިވާ ތިން ބައިވެރިން ހޮވާފައެވެ.
އެގޮތުން މި ޕްރޮގްރާމުން އެއް ވަނަ ހާސިލްކޮށްފައިވަނީ މަރިޔަމް އައްފާނާއެވެ. އޭނާވަނީ ޖުމްލަ 4.2 ކިލޯ ލުއިކޮށްފައެވެ. ޕްރޮގްރާމުން ދެވަނަ ދެ ބައިވެރިޔަކު ހާސިލްކޮށްފައިވާއިރު މި ދެބައިވެރިންގެ ތެރެއިން ޙަދީޖާ ދިފްލީން 3.9 ކިލޯ ލުއިކޮށްފައިވާއިރު އާމިނަތު ސަމީލާ ވަނީ 3.1 ކިލޯ ލުއިކޮށްފައެވެ. ޕްރޮގްރާމުގެ ތިން ވަނަ ހާސިލްކުރީ ހައްވާ ސޫޒާއެވެ. އޭނާވަނީ ޖުމްލަ 3.1 ކިލޯ ލުއިކޮށްފައެވެ.
ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުގައި ފިއްލަދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް އަޙްމަދު ޝަފީޤް އާއި ޕޮލިސް ސާޖަންޓް އިބްރާހިމް ނާފިޒްއެވެ.