މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އެސްޓީއޯގެ ފިއުލް ޝެޑެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެސްޓީއޯއާއި އެމްޓީސީސީ އިން މިދިޔަ ބުރާސްފަތި ދުވަހު 50 މިލިއަން ރުފިޔާގެ އެއެބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިމަޝްރޫއުގެ ދަށުން މާލޭގައިވާ އެފްއެސްއެމްގެ ދެ ފިއުލްޝެޑެއް މޯލްޑިވްސް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވިގެންދާނެއެވެ. އަދި މިއާއިއެކު އިންޑަސްޓްރިއަލް ވިލެޖްގައި ގާއިމްކުރެވިގެންދާ ފިއުލް ޝެޑް އިން އެއްގަމު އުޅަނދުގެ އިތުރުން ކަނޑުއުޅަނދު ފަހަރުތަކަށްވެސް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ހަމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ މިފިއުލް ޝެޑް ހުޅުވުމުގެ މަގްސަދަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި މިފަދަ މަސައްކަތްތައް ދުރުކުރުމާއިއެކު، މާލޭގައި ހުންނަ އެއްގަމާއި ކަނޑުގެ އުޅަނދުތަކަށް އަވަސް ގޮތެއްގައި ތެޔޮ ފޯރުކޮށްދީ ބައުޒަރ އޮޕަރޭޝަންސްތައް ހުއްޓާލުން ކަމުގައި އެފަރާތުން މައުލޫމާތު ދެއެވެ.