އުނަގަނޑުގައި ރިއްސުމަކީ ވަރަށް ގިނަބަޔަކަށް ދިމާވާ ސިއްހީ މައްސަލައެކެވެ. މިމައްސަލަ ދިމާވާ ވަރަށް ބައިވަރު ސަބަބުތައް ހުރެއެވެ.
ގިނަ ވަގުތު އިށީނދެ އިނުމާއި، ކަސްރަތު ކުރެވޭ މިންވަރު މަދުވުމާއި، މަސައްކަތުގެ މާހައުލުގައި ބޭނުންކުރަންޖެހޭ އިންޖީނުލީ ދުއްވާއެއްޗެހި ގިނަ ވަގުތު ދުއްވުމާއި، ބަރު އެއްޗެހި އުފުލުމާއި ސިނގިރޭޓު ބުއިމުގެ އިތުރުންވެސް އުނަގަނޑުގައި ރިއްސާ ސަބަބުތައް ހުރެއެވެ.
އެމެރިކާގެ މަސާޖު ތެރަޕީ އެސޯސިއޭޝަންއިން 2001 ވަނަ އަހަރުގެ ޖުލައިމަހު ހެދި ސާވޭ އަކުން ދައްކާ ގޮތުގައި، 1997ވަނަ އަހަރުން ފެށިގެން އުނަގަނޑުގައި ރިއްސުމަށް މަސާޖު ކުރަމުން އައި މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވެއެވެ.
ސިއްހީ ފަރުވާދޭ ގިނަ ބޭފުޅުން މިހާރު ލަފާދޭ ގޮތުގައި، ބޭސް ފަރުވާގެ އިތުރުން، މަސާޖަކީ އުނަގަނޑުގައި ރިއްސާ މީހުންނަށް ވަރަށް މޮޅު ފަރުވާއެކެވެ. 2001 ވަނަ އަހަރު މިއާމީ ޔުނިވަރސިޓީގެ ޓަޗް އެންޑް ރިސާޗު އިންސްޓިޓިއުޓް އިން ވަނީ އުނަގަނޑުގައި ރިއްސުމަށް ދޭ މަސާޖާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، މަސާޖުގެ ސަބަބުން އުނަގަނޑުގައި ރިއްސުން ކުޑަކޮށްދެއެވެ. އަދި ހާސްވުމާއި ކަންބޮޑުވުމުން އިންސާނާ ދުރުކޮށްދީ، ނިދުމަށް އެހީވެދެއެވެ.
މީގެ އިތުރުންވެސް، ސިއްހީ ގިނަ ފައިދާ ތަކެއް މަސާޖު ތެރަޕީއިން ލިބެއެވެ. މަސާޖު ކުރުމުން ލޭ ދައުރުކުރާ ވަރު އިތުރުކޮށްދެއެވެ. މީގެ ސަބަބުން މަސްތަކުގައި ރިއްސާ މިންވަރު ކުޑަކޮށްދީ ހެލިފެލިވެ އުޅުމަށް ފަސޭހަވެއެވެ. އެންޑޯފިން ލެވެލް އިތުރު ކޮށްދިނުމަކީ މަސާޖުގެ ސަބަބުން ކުރާ ވަރަށް ފައިދާ ހުރި ކަމެކެވެ. އެންޑޯފިން ލެވެލް އިތުރުވުމުން އިންސާނާއަށް ހިތްހަމަޖެހުން ގެނެސްދީ ދިގު މުއްދަތައް ދެމިގެންދާ ބަލިތައް މަދު ކޮށްދިނުމަށް އެހީއަކަށް ވެއެވެ.
މަސާޖު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މަސާޖު ކުރުމުގައި ރަނގަޅު ފެންވަރެއްގެ ތަމްރީނެއް ލިބިފައި ހުރުމަކީ އެންމެ މުހިންމު ކަންތައްތަކެވެ. ތަމްރީނެއްނެތި މަސާޖުކުރާ މީހުންގެ ސަބަބުން ބައެއް މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެގޮތުން އާރތްރައިޓިސް ހުންނަ މީހެއްނަމަ އޮސްޓިއޯޕޮރޯސިސް އަށް މަގުފަހި ވެދާނެއެވެ. އަދި ގަނޑުވެފައި ހުންނަ ލޭ ކޮޅުކޮޅު ދޫވެ، ސްޓްރޯކް ނުވަތަ ހާރޓް އެޓޭކަކަށް މަގުފަހިވެދާނެއެވެ. އެހެންކަމުން މި ކަންކަމުން ސަލާމަތް ވުމައްޓަކައި، މަސާޖު ކޮށްދިނުމުގެ ކުރިން ރަނގަޅަށް ތަމްރީނެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.