twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޑަބްލިއު ރޯޑް ރަންއަށް ބޮޑެތި ތައްޔާރީތަކެއް! ބާކީ 2 ދުވަސް!

Jan 3, 2018

ޑަބްލިއު ސްޕޯޓްސް އެކަޑަމީއަކީ 2017 ވަނަ އަހަރުގެ ޖެނުއަރީމަހު، ކުޅުދުއްފުށިގައި ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި ރަޖިސްޓްރީ ކުރެވުނު އެކަޑަމީއެކެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ކުޅުދުއްފުށީގައި، ޖެނުއަރީ 5 ވަނަ ދުވަހު ވަނީ ދުވުމެއް ބޭއްވުމަށް ހަމަޖެހިފައެވެ.

މި ދުވުމަކީ ވާދަވެރި މުޖުތަމައެއްގައި، ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ ބޭފުޅުން ޝާމިލްވާ ގޮތުގެ މަތިން ދުވުމާއި ކަސްރަތުގެ ތެރެއިން ގިނަ ބައެއްގެ ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ލޭ ހަދިޔާ ކުރާ ފަރާތްތައް އިތުރުކޮށް އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމާއި ލޭހަދިޔާ ކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވޭ ދުވުމެއްކަމުގައި އެދުވުން އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި އިވެންޓުގެ މެއިން ސްޕޮންސާރ އަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި މި ދުވުމުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވާއިރު އެކެޑެމީއިން ވަނީ ބިބްތައް ހުސްވަންދެން ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފައެވެ.

ދުވުން 4 ގިންތިއަކަށް ބަހާލެވިފައިވާއިރު، ކޮންމެ ގިންތިއަކުންވެސް 1ވަނަ އަށް ދާފަރާތަކަށް ޓްރޮފީ، މެޑަލް އަދި އޭގެ އިތުރުން ގައުމީ އެތްލެޓިކްސް މުބާރާތުގައި ދުވުމުގެ ފުރުސަތު (ހުރިހާ ހަރަދަކާއި އެކު) ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ގިންތިއެއްގެ 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތަށް ޓްރޮފީ އަދި މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން 60 މިނިޓްގެ ތެރޭގައި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލް ދެވޭނެ ކަމުގައި ޑަބްލިއު ސްޕޯޓްސް އެކްޑަމީއިން ބުނެއެވެ.

މި ދުވުމުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ހަމަޖެހިފައިވަނީ ތެލަސީމިއާ ކުދިންނެވެ. އެއީ ކުޅުދުއްފުށިން 5 ކުދިންނާއި، ނޭކުރެންދޫގެ 1 ކުއްޖަކާއި، ހަނިމާދޫ އިން 2 ކުދިންނާއި އަދި ނޮޅިވަރަމްއިން 1 ކުއްޖެކެވެ.

މޭޑް ރަނާސް އިން ވެސް ދުވުންތެރިން މި ދުވުމުގައި ބައިވެރިވުމަށް ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ. ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގެ ފެހިދޫލަ ފިހާރަ ކައިރިންނެވެ. އަދި 5 ކިލޯމީޓަރު ފުރިހަމަކޮށް ދުވުން ނިންމަން ކަނޑައެޅިފައިވަނީ ސްޓޭޑިއަމްގެ ދެކުނު ކަންމައްޗަށެވެ.

މިދުވުމާ ބެހޭ އިތުރު މައުލޫމާތު 9945508، 7917616 މި ނަމްބަރުތަކަށް ގުޅުމުން ލިބޭނެ އެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީއިން މައުލޫމާތުދޭ ގޮތުގައި ކޮންމެ އަހަރަކުވެސް މިދުވުން ތަފާތު ޝިއާރުތަކާއެކު ބޭއްވޭނެއެވެ. މި އެކަޑަމީއިން މިހާތަނަށް ކާމިޔާބު 4 އިވެންޓެއް ބާއްވާފައިވެއެވެ.

އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355