މިދިޔަ ޑިސެމްބަރ މަހު 19 އިން ފެށިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޓްރެފިކް އޮޕަރޭޝަނެއްގައި މިހާތަނަށް 103 އުޅަނދެއް ބަލާ ފާސްކޮށްފި އެވެ.
ބަލައިފާސްކޮށްފައިވާ 103 އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 86 ސައިކަލަކާއި ހަތަރުފުރޮޅުލީ އުޅަނދުގެ 17 އުޅަނދެކެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފުވި 4 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް އުޅަނދުތަކުގެ އަހަރީފީ އާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވެއެވެ.
މި އޮޕަރޭޝަނަކީ ސްކޫލު ބަންދާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުޅުދުއްފުށީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.