twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ މަގުތައް ހަދާތާ 7 އަހަރު !

Jan 15, 2018

2010 ވަނަ އަހަރު އޯގަސްޓް މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހު ކުރި ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫއު ވަނީ ސިޔާސީ ކުޅިގަނޑަކަށްވެފަ އެވެ. މިހާ ގިނަ އަހަރުތަކެއްވެގެންދިޔައިރުވެސް އަދިވެސް ވަނީ މަސައްކަތް ނިންމާނުލެވިފަ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުން މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށިތާ ހައެއްކަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވީ ނަމަވެސް އޭގެ އަހަރެއްވިއިރުވެސް މަސައްކަތް ނުނިމިއޮއްވާ އެ ވެރިކަން ވެއްޓި ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަޝްރޫއަށް ހުއްޓުމެއް އައިސްފައިވަނިކޮށް، ރައީސް ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތިން އަހަރު ފަހުން މަގުގައި ގައު އެޅުމުގެ ބަދަލުގައި ތާރުއަޅާ އަމީނީ މަގު ނިންމާފަ އެވެ.

އަމީނީމަގު ހުޅުވިގެންދިޔަ ދުވަސް ވެގެން ދިޔައީ ކުޅުދުއްފުއްޓަށް އިތުރު ތަރައްގީއެއް ލިބިގެންދިޔަ ދުވަހަކަށެވެ. ބޮޑުބެރު ޝޯއަކާއެކު ފޯރިގަދަކޮށް ކުރިއަށްދިޔަ ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ވަހީދު އަމީނީމަގު ހުޅުވުމުގެ ގޮތުން ދަމާފައިވާ ރިބަންފަށް ކަނޑާލެއްވުމަށް ފަހު ބަނޑާރަމަގު މަސައްކަތްވެސް ހަމަ އެދުވަހު ފައްޓަވައިދެއްވި އެވެ. ނަމަވެސް އެމަގުގެ އަމަލީ މަސައްކަތް ފެށުނީ 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށެވެ.

މަގުތައް ހެދުމުގެ މަޝްރޫއު 2016 ވަނަ އަހަރު ފެށުމަށްފަހު މެދުކެނޑެމުން މަޑުޖެހެމުން ގޮސް އެންމެ ފަހުން އެ މަޝްރޫއު ނިމި ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގައި ތާރު އަޅަން ފެށުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގަ އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވަނީ ކުޅުދުއްފުށީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ މަގުތަކުގައި ތާރު އެޅުން ކަމަށް ވިދާޅުވެ އެމަސައްކަތް 2017 ވަނަ އަހަރު އެއްކޮށް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރ މަހު ތާރު އަޅަން ފެށުމަށްފަހު ދިމާވި އެކި މައްސަލަތަކުގައި ގާތްގަނޑަކަށް މަސްދުވަހުގެ މެދުކަނޑުމަކަށްފަހު އަލުން ތާރު އަޅަން ފެށުނީ އެއަހަރުގެ ނޮވެމްބަރ މަހު މެދުތެރޭގައެވެ. ތާރު އެޅުމުގެ މަސައްކަތް ފަށައިގެން ގާތްގަނޑަކަށް 3 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް ޕޭވްމެންޓް އަޅައި އެއްކޮށް ނިންމާލެވިފައިވަނީ 2 މަގެވެ.

ތާރު އެޅުމުގެ މަޝްރޫއު ފެށުމަށްޓަކާ މަގު ހެދުމުގެ މަސައްކަތްވެސް ގިނަ ދުވަސްތަކަކަށް ދިގުދެމިގެން ދިޔަ އެވެ. ހޮޅިވަޅުލުމަށްޓަކާ މަގުތައް ކޮނެ މަގުތައް ނުނިމި ގިނަ ދުވަސްތަކެއް ވުމުން އެކަމުގެ އުނދަގޫވެސް ދަނީ ރައްޔިތުންނަށް ފޯރަމުންނެވެ.

އެެހެން ކަމުން ރައްޔިތުން ތިބީ މަގުތައް ނިންމާ އެއްވެސް އުދަނގުލެއް ނެތި މަގުތައް ބޭނުން ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަނެއްކާވެސް އިތުރު ޑިއު ޑޭޓެއް ދީ މަގުތައް ނިންމާނެ އިރެއްގެ އިންތިޒާރުގަ އެވެ. މިރަށު މަގުތައް ހަދާތާ މިއަހަރު އޯގަސްޓްމަހަށް 8 އަހަރުވެެގެންދާނެ އެވެ.

ޖުމްލަ 19 މަގެއްގައި ތާރު އަޅަން ނިންމާފައިވާއިރު މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއެވެ. މި މަޝްރޫއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އެކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355