twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ޕްރީ ސްކޫލް ޓީޗަރުން ނެގުމުގައި މައްސަލަތަކެއް އުޅޭ ކަމަށްބުނެ ހިތްހަމަނުޖެހުންތަކެއް !

Jan 8, 2018

ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ، އަފީފުއްދީން ސްކޫލަށާއި ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޕްރީ ސްކޫލް ޓީޗަރުން ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ވަޒީފާތަކަށް ކުރިމަތިލި ބައެއް ޓީޗަރުން ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

މިއަހަރަށް ހދ އަތޮޅު ތައުލީމީ މަރުކަޒަށް 12 ޓީޗަރުން އަދި އަފީފުއްދީނަށް 8 ޓީޗަރުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. އެ ވަޒީފާތަކަށް އިއުލާންކޮށްފައިވަނީވެސް އެޑިއުކޭޝަން މިނިސްޓްރީން އެވެ.

މިއަހަރު ޕްރީ ސްކޫލް ޓީޗަރުން ދާއިމީ ކުރާތީ އެ ވަޒީފާތަކަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން ކުރިމަތިލި އެވެ. ނަމަވެސް ވަޒީފާތަކަށް ޓީޗަރުން ނެގުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.

އެގޮތުން ސަރުކާރު ސްކޫލެއްގައި ދެ އަހަރު ދުވަހުގެ ޕްރީ ސްކޫލް ޓީޗަރެއްގެ ވަޒީފާގައި ހުރެ އަދި އެދާއިރާއިން ޑިގްރީ ހަދަމުންދާ މީހުން ކުރިމަތިލާފައިވާއިރު އެފަދަ އެއްވެސް ތަޖުރިބާއެއް ނެތް ފަރާތްތަކަށް އިސްކަންދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ވަޒީފާ ހަމަޖެހުނުކަން އެނގުމަށްފަހު، ފަހުން އެއްވެސް އެއްޗެއް އެންގުމަކާ ނުލައި އެ ޖާގަތަކަށް އިތުރު މީހުން ނަގާފައިވާކަމަށްވެސް އެމީހުން ތުހުމަތު ކުރެ އެވެ.

” އިންޓަވިއު ކުރިއިރު 2 ސްކޫލުންވެސް ބުނި ދެ ސްކޫލުން ވަޒީފާ ލިބިއްޖެނަމަ ބޭނުންވާ ސްކޫލަކަށް ޖޮއިން ކުރެވޭނެ ކަމަށް. އެކަމަށް އެއާ ހިލާފަށް ދެ ސްކޫލުން ވަޒީފާ ލިބުނު ބައެއް ޓީޗަރުންނާ މެދު އަމަލުކުރީ. ” އެކަން އެނގޭ މީހަކު ބުންޏެވެ.

މި ތުހުމަތު ދެ ސްކޫލުންވެސް ވަނީ ދޮގުކޮށްފަ އެވެ. އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ޕްރީ ސްކޫލު ޓިޗަރުން ނެގުމުގައި ސިވިލްސާވިސްގެ ގަވައިދުތަކާ ހިލާފަށް ހަމަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ.

” އަޅުގަނޑު ހަމަ 100% ގެރެންޓީ ދެން، ސިވިލް ސާވިސްއަށް ވަޒީފާއަށް މީހުން ހޮވުމުގައި ހުރިހާ ގަވައިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ފޮލޯކޮށްގެން އަޅުގަނޑުމެން ކުދިން ނަގާފައި ހުންނާނީ.” ނާސިހާ ވިދާޅުވި އެވެ.

ނާސިހާ ވިދާޅުވީގޮތުގައި ސަރުކާރުގެ ސްކޫލެއްގައި ދެ އަހަރު ވަޒީފާ އަދާކޮށް ތަޖުރިބާ ލިބިފައި އޮތުމަކީ ޝަރުތެއް ނޫން ކަމަށާއި އެ ފަދަ މައްސަލައެއް އަފީފުއްދީނަށް ކުރިމަތިވެފައިނުވާ ކަމަށެވެ. އެ ސްކޫލުން ވަޒީފާ ލިބިފައިތިބީ 2 އަހަރުދުވަހު ތަޖުރިބާ ލިބިފައިތިބި ޓީޗަރުން ކަމަށް ނާސިހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ ލިބުނުކަމެއް ލިޔުމުންވެސް އަދި އެނޫން ގޮތެއްވެސް އަންގާފައިނުވާނެ ކަމަށާއި ވަޒީފާ ހަމަޖެހިގެން އަދި އައިސްފައިވެސް ނުވާ ކަމަށެވެ. ސިވިލް ސާވިސްއަށް ހުރިހާ ޑޮކިއުމެންޓްތަކެއް މިހާރު ފޮނުވާފައިވާނޭކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފެށެންވާއިރަށް ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން ދީފައިވާކަމަށް ނާސިހާ ވިދާޅުވި އެވެ.

މި ތުހުމަތުތައް ދޮގުކޮށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީ ވިދާޅުވީ ވަޒީފާތަކަށް ކުދިން ނަގާފައިވަނީ ސިވިލް ސާވިސްގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ވަޒީފާތަކަށް ކުދިން ނެގުމުގައި އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއްކޮށްފައިނޯނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ ހަމަޖެހިފައިވާކަން އަންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށާއި ސްކޫލުން އަންގާފައިވާނީ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނު ކުދިން ވަޒީފާއަށް ހޮވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަޒީފާ ލިބުނު ވާހަކައެއް ނޫން ކަމަށާއި ވަޒީފާ ހަމަޖެއްސިކަން އަންގާނީ ސިވިލް ސާވިސްގެ ޗިޓަކުން ކަމަށް ޝަހީދާ ވިދާޅުވި އެވެ.

” ސެޓްފިކެޓްތަކުންނާއި އިންޓަވިއުއަށް ބަލާފަ އެންމެ މަތިން މާކްސް ލިބުނު ކުދިންނަށް ވަނީ އަންގާފަ ވަޒީފާއަށް ހޮވިފަވާކަމަށް، މާނައަކީ ވަޒީފާ ދެވިއެއް ނޫނޭ. ވަޒީފާ ލިބިއްޖެކަން އަންގާނީ ސިވިލް ސާވިސް އިން ޗިޓަކުން ” ޝަހީދާ ވިދާޅުވި އެވެ.

ވަޒީފާ ދީފައިވާކަމަށް ހދ އޭއީސީއިން އެއްވެސް ކުއްޖަކަށް އަންގާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ” އަޅުގަނޑުމެންނަށް ވަޒީފާއެއް ނުވެސް ދެވޭނެ. ސިވިލް ސާވިސް ވަޒީފާ ދޭނީ. ” ޝަހީދާ ވިދާޅުވި އެވެ.

ޝަހީދާ ވިދާޅުވީ ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި އަދި ތައުލީމީ ގާބިލުކަން ތިބި ކުދިންނަށް އިސްކަން ނުދީ އެއަށް ވުރެ ދަށް ކުދިންނަށް މަތިން މާކްސް ދީފައެއް ނުވާނެ ކަމަށާއި ވަކި ކުއްޖަކަށް އިސްކަންދީފައެއް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީފާއަށް ކުދިން ހޮވުމުގައި ހުރިހާ ކަމެއްވެސް ކޮށްފައިވާނީ ސިވިލް ސާވިސްގެ ގަވައިދުތަކުގެ ތެރެއިން ކަމަށް ބުނާބުނުން އޭނާވަނީ ތަކުރާރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355