ކުޅުދުއްފުށީ ގެއެއް ފަޅާލައިގެން ވަދެ ގިނަ އަދަދެއްގެ ސާމާނު ވަގަށް ނަގައިފި އެވެ.
ރޭ ވައްކަން ކޮށްފައިވަނީ މަބުސްތާނުގެއިންނެވެ. އެގެއަށް ވަގު ވަދެފައިވަނީ ބޮޑު ދޮރެއްގެ މަތީ ތޭރިތައް އިރާލައިގެން ވަދެ އެވެ.
އެގެއިން ވާހަކަ ދެއްކި މީހަކު ބުނީ ވަންކަން ކޮށްފައިވަނީ ރޭގެ 7:00 އާއި 9:00 ދެމެދު ކަމަށެވެ. އަދި ވަގުތަކީ ގޭގައި އެއްވެސް މީހަކު ނޫޅޭ ވަގުތެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް ބެލިބެލުން ވަގަށް ނަގާފައިވަނީ ކަރަންޓް ދެ ބުރުމާ، 2500 ރުފިޔާ، 700 އެމެރިކާ ޑޮލަރު އަދި ދިއްލަން ބޭނުންކުރާ ބޮކިތަކަކާއި ރަން އަނގޮޓިއެއް ކަމަށެވެ.
އެ ގޭގައި ތިން ކޮޓަރި ހުންނައިރު އެހުރިހާ ކޮޓަރިތަކަކަށް ވަގު ވަދެ އަލަމާރިތަކާއި ހުރިހާ ތަނެއް ހާވާފައިވާކަމަށް އެމީހާ ބުންޏެވެ.
މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.