ހަލުވި ކަމާއެކު ހދ ހަނިމާދޫ ގައި ޑެންގީ ހުން ފެތުރެމުން އެބަ ދެއެވެ.
ހދ އަތޮޅު ހެލްތް ސާވިސް ގެ މީޑިއާ އޮޕިސަލް ފާތިމަތު ހަސަން ވިދާޅުވީ ޑެންގީ ފެތުރެމުންދާކަން މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ފާހަގަ ކުރެވިފައިވާ ކަމަށާއި، ހުރިހާ ކޭސްތަކެއްގެ މައުލޫމާތު ހަނިމާދޫ ސިއްހީ މަރުކަޒުން ދިޔައީ ހެލްތް ސާވިސްއަށް އަންގަމުން ކަމަށެވެ.
އެގޮތުން މިހާރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު 4 ނޫނީ 5 ކޭސް ފެންނަ ކަމަށާއި މިހާތަނަށް ޑެންގީއަށް ޕޮޒިޓިވް ވެފައިވަނީ ގިނައިން ކުޑަކުދިން ކަމަށް ވެސް އެ ފާތިމަތު ވިދާޅުވި އެވެ.
ސީރިއަސް ކޭސްއެއް މިވަގުތު ނެތްކަމަށާއި އެހެންނަމަވެސް ހުން ފެތުރެމުންދަނީ އެއް ސްޕީޑެއްގައި ކަމަށް ފާތިމަތު ވިދާޅުވި އެވެ. ފާތިމަތު ވިދާޅުވީ ހަނިމާދޫގައި ޑެންގީ ފެތުރެމުންދާތީ ހެލްތް ސާވިސްގެ ޓީމެއް އެރަށް ގޮސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރަށުތެރެ ފޮގްވެސް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.
ހދ އަތޮޅުން ހަނިމާދޫ ފިޔަވާ އިތުރު އެއްވެސް ރަށަކުން އަދި ޑެންގީ ފެނިފައިނުވާ ކަމަށް ހދ އަތޮޅު ހެލްތް ސާވިސް އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޑެންގީ ހުން މިދުވަސްވަރު ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އެ ކަމަށް ސަމާލުވާން އެޗްޕީއޭ އިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.