twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒަކާތު ފަންޑުން 32 ކުދިންގެ ބޯންމެރޯ ހަދަން އެހީ ދީފި

Jan 16, 2018

ޒަކާތު ފަންޑުންގެ ހިލޭ އެހީގެ ދަށުން މިއަހަރު 32 ކުދިންގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ނިންމާ އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިއެހީގެ ދަށުން ކޮންމެ ކުއްޖަކަށް ގާތްގަޑަކަށް 9 ލައްކައާއި 1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖައްސަވާފައިވާއިރު އެހީގެ ތެރޭގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި އެ އެންމެންގެ 3 މަސްދުވަހުގެ ހުރުން ހިމެނެއެވެ.

އަދި އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެހަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ – އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.

އެހީ ލިބޭ 32 ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްއެވެ.

މި 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިންގެ ރިޔާސީ ވަޢުދުފުޅެކެވެ.

އެގޮތުން ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުސަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އެގޮތުން މި އަހަރު ލިއުން ހަވާލުކުރި ކުދިންނާއެކު ސަރުކާރުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވި ކުދިންގެ އަދަދުވަނީ 55 ކަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355