ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޑެޓުން ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލައިފި އެވެ. އެކުންފުނިން އެތަނުގައި ކުރަމުންދިޔައީ އެމްއާރުއައި މެޝިނާއި ސީޓީ މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތަން މަރާމާތުކުރުމުގެ މަސައްކަތެވެ.
މިމެޝިނަރީތައް ބެހެއްޓުމަށް މަރާމާތުކުރަމުންދިޔައީ ކުރީގެ ޖެނެރަލް ވޯޑެވެ. މިދިޔަ އޯގަސްޓްމަހުން ފެށި އެމަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލެވި އެވެ. އެތަނުގައި ކުރަމުންދިޔަ އެމަސައްކަތް މެދުކަނޑާލީ މި ޖެނުއަރީމަހު އެވެ.
ވޭވް ލެންތުގެ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ މަސައްކަތް ހުއްޓާލީ، ހޮސްޕިޓަލް މިހާރު އޮތް ހާލަތުން “ވާނުވާ” ނޭނގޭތީ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މަސައްކަތް ފެށިފަހުން އަދި މިހާތަނަން ފޮނުވި އެއްވެސް ބިލަކަށް ފައިސާވެސް ލިބިފައިނުވާ ކަމަށެވެ. ބިލުތަކަށް ގާތްގަނޑަށް 5 ލައްކައެއްހާ ރުފިޔާ އަރާފައިވެ އެވެ.
” ފައިސާގެ މައްސަލައެއް ދިމާވެގެންނެއް ނޫން މަސައްކަތް ހުއްޓާލީއެއް، މިހާރު އެތަން އޮތް ހާލަތު ވާނުވާ ނޭނގޭތީ.” އޮފިޝަލް ވިދާޅުވި އެވެ.
ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.