twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހދ. ކުޅުދުއްފުށީ އުތުރުފަރާތު ގޮނޑުދޮށުން މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ

Mar 12, 2011

ހދ. ކުޅުދުއްފުށީ އުތުރުފަރާތު ގޮނޑުދޮށުން މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

ކުޅުދުއްފުށީ ސައިމާ މުހައްމަދު މޫސާ ރަށުގެ އުތުރުފަރާތު އަތިރިމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 6:30  ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. އަދި، މުހައްމަދު މޫސާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ދުވަހު ނޫސް ހަވީރަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާ ވެއްޓިފައި އޮއްވާ ފެނުނު ދިމާލުގައި ގުންޑޮޅިން ތަންގަނެއް ކަނޑައިގެން ގޮސް ވެއްޓިފައިވާ ކަމަށާއި އަދި އޭނާގެ އަނގަ މައްޗަށް ގެއްލުން ވެފައި ވުމުން ބެލެވެނީ އެއްގަމަށް އަރަން އުޅެނިކޮށް އެ ހާދިސާ ހިނގައިގެން ވެއްޓިފައިވާ ކަމަށެވެ. އޭނާ މިއަދު ހެނދުނު ފެނުމުގެ ވަރަށް ގިނަ އިރުތަކެއް ކުރިން އެކަން ހިނގާފައިވާ ކަމަށް ބެލެވޭކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު މޫސާ މަސްބާނަން ގޮސް ގެއަށް ނައުމުން އޭނާގެ އަންހެނުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. އަދި މިއަދު ހެނދުނު ގޮނޑުދޮށުން މުހައްމަދު މޫސާ ފެނިފައިވަނީ އާންމުންގެ މީހަކަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުހައްމަދު މޫސާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ އަޞްރުނަމާދަށްފަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގައި ކުރެވޭނެކަމަށް އެ އާއިލާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293