twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމަށް މަގަށް ހޮޅިދަނޑި ޖަހާފައިވަނީ ގަވައިދާ ހިލާފަށް !

Jan 18, 2018

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބުރާހިމްއަށް މަރުހަބާ ދެއްނެވުމަށް ކުޅުދުއްފުށީ އަމީނީމަގަށް ޖަހާފައިވާ ދިދަ ހޮޅިދަނޑިތައް ޖަހާފައިވަނީ ކައުންސިލުން ހަދާފައިވާ ގަވައިދުތަކާ ހިލާފަށް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ. މަގުތަކަށް ހޮޅި އާއި ހޮޅިދަނޑި ފަދަ ތަކެތި ޖެހުން ކައުންސިލުން މަނާކޮށް އެކަން ގެޒްޓްކޮށްފައިވަނީ މިދިޔަ ކައުންސިލުގެ ދައުރުގަ އެވެ.

އެކަން މަނާކޮށްފައިވަނީ މަގުތަކުގައި ވަޅުލާފައި ހުންނަ ތަފާތު އަގުބޮޑެތި ކޭބަލްތަކަށް ގެއްލުންވެ ހަލާކުވުމުގެ ޝަކުވާ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ކައުންސިލުގައި ކުރުމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް އަލީ ހާޝިމް ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ ރަށުތެރެ ޒީނަތްތެރިކުރުމަށް އަމީނީމަގަށް ޖަހާފައިވާ ދިދަ ހޮޅިދަނޑިތަކާއި  ބަނދަރުމަތީގައި  ހުރި މަގު ބައްތިތަކަށް ވާގޮތަށް ދަމާފައި ހުރި ދިދަތައް ދަމާފައިވަނީ ކައުންސިލުގެ އެއްވެސް ހުއްދައެއް ނެތި ގަވައިދުތަކާއި އުސޫލުތަކުގެ ބޭރުން ކަމަށްވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“ކައުންސިލުގައި ރަސްމީކޮށް ހުއްދައަށް އެދިފައިއެއް ނުވޭ.އެހެންނަމަވެސް ހައުންސިންގ މިނިސްޓްރީގެ ކޯޑިނޭޓަރަކު އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި، އަމީނީމަގުގައި ގަސް އިންދަން ފާހަގަކޮށްފައި ހުރި ތަންތަނަށް ހޮޅިދަނޑި ޖަހައި ދިދަ ޖެހުމުގެ ހުއްދައަށް އެދުނު އެކަމަކު ވަރަށް ސާފުކޮށް އެބޭފުޅާއަށް ދެންނެވިން ކުޅުދުއްފުށީ ކައުންސިލުން ހެދިފައި އޮންނަ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މަގަށް ހޮޅިދަނޑި ޖަހާކަށް ހުއްދަ ނުދެވޭނެކަމަށް.” އަލީ ހާޝިމް ވިދާޅުވި އެވެ.

ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ އަމީނީމަގުގައި ޖަހާފައި ހުރި ހޮޅިދަނޑިތައް–

މީގެން ކުރިންވެސް ކުޅުދުއްފުށީގައި ބޭއްވިގެންދިޔަ ވަރަށް ބޮޑެތި އިވެންޓްތައް ކަމަށްވާ ފުލުހުންގެ ރައްކާ ރޯޑް ޝޯ އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ އިން ބޭއްވި ދުވުމަށްވެސް، އަމީނީމަގު ޒީނަތްތެރިކުރުމަށް ބޭނުންވެގެން ބެނާ ހަރުކޮށް ހޮޅިދަނޑި މަގަށް ޖެހުމަށް އެފަރާތްތަކުންވެސް ކައުންސިލުގައި އެދުނު ކަމަށާއި ނަމަވެސް ކައުންސިލުން އެކަމަށް ހުއްދަ ނުދިނުމުން އެކަން ކޮށްފައިނުވާކަން އުފަލާއެކު ހާޝިމް ވިދާޅުވި އެވެ.

“އިއްޔެ އަޅުގަނޑުމެންނަށް ފެށިގެން މިދިޔައީ އެއްވެސް ހުއްދައަކާއި ނުލައި އަދި ކައުންސިލުން އެކަމާ ދެކޮޅު ހަދަމުންދަނިކޮށް ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް އެކަން ކުރެވިގެންދިޔަ ތަން. އެއީ ކައުންސިލުން ވަރަށް ބޮޑަށް ހިތާމަކުރާ ކަންތައްތައް.”

އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ކައުންސިލުން ހެދިފައި ހުންނަ އުސޫލުތަކަށް ކޮންމެ ބަޔަކުވިޔަސް އިހްތިރާމްކޮށް އަމަލުކުރަން ޖެހޭނެ ކަމަށާއި ގާނޫނުތަކަށް ތަބާވާގޮތަށް އެކަންތައްތަކަށްވެސް ތަބާވާން ޖެހޭނެކަމަށެވެ. އެ ގަވައިދުތަކަކީވެސް ގެޒެޓްކުރެވިގެން އަމަލުކުރަމުން އަންނަ ގަވައިދުތަކެއްކަން ފާހަގަކުރައްވަމުން އަލީ ހާޝިމް ވިދާޅުވީ ކައުންސިލުން ވަރަށް ބޮޑަށް ހިފަހައްޓަމުން އަންނަ އުސޫލުތަކެއް މުގުރާލާފައި ސަރުކާރުގެ އެފަދަ މަގާމުތަކެއްގައި ތިއްބެވި ފަރާތްތަކެއް އެކަން ކުރީތީ ވަރަށް ހިތާމަކުރާ ކަމަށާއި އަދި އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ސަރުކާރުގެ އިސްފަރާތްތަކެއް އައިސް މިފަދަ ކަންތައްތައް ކުރާތީ ރައްޔިތުންނަށް އެދެވެނީ ވަރަށް ނުބައި މެސެޖެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފިޔަވަޅު އަޅާނަން ތޯ ސުވާލުކުރެއްވުމުން އަލީ ހާޝިމް ވިދާޅުވީ ތަންފީޒްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި މިހާ “އަނިޔާވެރިކަމުގެ” ތެރޭގައި ލޫޓުވާފައިވެސް ކުރަން އަންނަ ބަޔަކު ދަނީ އެކަމެއް ކޮށްގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން ކައުންސިލަށް ކުރެވެން ހުރި ކަންތައްތައް ކުރާނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355