twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނަޝީދު ހަދިޔާކުރެއްވި ބޮނބިނަރު އުފައްދައި މެޝިން އިފްތިތާހްކޮށްފި

Jan 19, 2018

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާކުރެއްވި ބޮނބިނަރު އުއްފަދައި މެޝިން މިއަދު އިފްތިތާހްކޮށްފި އެވެ.

މިއަދު ހަވީރު މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި މެޝިން އިފްތިތާހްކޮށްދެއްވީ ކުޅުދުއްފުށީގެ އިސްރަށްވެއްސެކެވެ. މިރަސްމިއްޔާތުގައި މެމްބަރު ނަޝީދާއި ކައުންސިލްގެ މެމްބަރުންނާއި ހދ އަތޮޅު މެމްބަރުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ ބޮނބިނަރު އުއްފަދާ މެޝިންގެ ހިޔާލުދެއްވީ ކައުންސިލްގެ ރައީސް ކަމަށެވެ. މިމެޝިނަކީ ދުވާލަކު 6000 ބޮނބިން، ނަރު އުފެއްދުމުގެ ގާބިލުކަން ހުރި މެޝިނެއްކަމަށް ނަޝީދު ވިދާޅުވި އެވެ. ރޯނުގެ ވެށުމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކަށް މިމެޝިނުގެ ސަބަބުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

ބޮނބިނަރު އުފައްދާ މެޝިން އިފްތިތާހްކުރުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަދައްކަވަނީ–

އަދި މިމަސައްކަތުގެ ތެރެއަށް ޒުވާނުން ވަނުމަށް ނަޝީދު އެދިލެއްވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ މިމެޝިނަކީ މިމަސައްކަތުގެ ފެށުން ކަމަށާއި މުސްތަގުބަލުގައި ރޯނުވެށުމުގެ މި ސިނާޔާތު އިތުރު ވަސީލަތްތައް ގާއިމްކޮށް، އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

” ނަޝީދު ހަދިޔާކުރެއްވި މިމެޝިނަކީ އަޅުގަނޑު ގަބޫލުކުރަނީ މިއީ އަދި ފެށުމެއްކަމަށް، މިމެޝިނުގެ ސަބަބުން އިތުރު ކަންތައްތަކެއް އައިސް ރޯނާއި ބޮނބިން އުފައްދާ އެހެން އުފެއްދުންތައް އިތުރުކުރެވި ކުޅުދުއްފުށިން އުފައްދާ ރޯނުގެ އަދަދު އިތުރުކުރެވިގެންދާނެ.” ކައުންސިލް ރައީސް ވިދާޅުވި އެވެ.

ބޮނބިނަރު އުފައްދާ މެޝިން އިފްތިތާހްކުރުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ކުރިއަށްއޮތްތަކުގައި މި ސިނާޔަތް ތަރައްގީގެ ވެގެންގޮސް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ. މިމެޝިން ހަދިޔާކުރެއްވުމުން މެމްބަރުން ނަޝީދަށް ލަތީފްވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

މެޝިން މިއަދު އިފްތިތާހްކުރި ނަމަވެސް އަދި އާންމުކޮށް ހިދުމަތްދޭން ފަށާނީ އަންނަ ހަފްތާތެރޭގައި އެވެ. މެޝިން ބަހައްޓައިގެން ހިދުމަތް ދޭއިރު ބޮޑަށް ބަލާނީ ވިޔަފާރިއަކަށްވުރެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ކައުންސިލް ބުނެ އެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތެއްވެސް ދެވޭނީ އަގެއް ނަގައިގެން ކަމަށްވާތީ ސާވިސް ހަރަދަށް، ކުޑަ އަގެއް ނަގާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މިމެޝިނަށް ރޯ ބޮނބިލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަރަށް ބަދަލުކޮށް ނެރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355