ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ހެލްތް މިނިސްޓްރީން މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.
މެމްބަރު ނަޝީދު ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ހިންގަން ނޫރުލްއިސްލާމް އިންޓަރނޭޝަނަލް( އެންއައިއައި) އާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިޔަށްނުގޮސް، ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި، ތަނުގެ ހިދުމަތް ހުއްޓި، ސަރުކާރުން ހިދުމަތް ދޭންޖެހުމުން އުފެދިފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންދާކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަ އުފެދިފައިވާ ނޫރުލްއިސްލާމް އިންޓަނޭޝަނަލްއާ ހޮސްޕިޓަލް ހިންގުން އަލުން ހަވާލުކޮށްގެން ކުރިއަށް ދިޔުމަކީ ދުރުކަމެއް ކަމަށާއި އަދި ވަކިން އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ވަކިފަރާތަކާ ވަކިން ހަވާލުކޮށްގެން ކުރިއަށް ދިޔުމަކީވެސް، ހަމައެހާމެ ދުރުކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެންއައިއައިއަށް ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަން ދިން ފުރުސަތުގައި ނުހިންގި، ގެއްލުނު އިތުބާރު އަލުން އިޔާދަކުރެވިދާނެކަމަށް ދުށުމަކީވެސް ދުރުކަމެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ހޮސްޕިޓަލުން ދޭ ހިދުމަތްތައް ހުއްޓުނަނުދީ ކުރިއަށް ގެންދިޔުމަށް ހެލްތު މިނިސްޓްރީން ފިޔަވަޅުތައް އަޅުވަމުން އެބަގެންދާކަމަށާއި ނޫރުލްއިސްލާމް އިންޓަރނޭޝަނަލްއާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކުރިމަގާމެދު ގޮތެއް ނިންމުމުގެ މަރުހަލާތައްވެސް ކުރިއަށްދާކަމަށް ނަޝީދު ވިދާޅުވި އެވެ.
“ސަރުކާރުން އެއްބަސްވުން ބާޠިލުކުރަން ވިސްނެވިކަމުގައިވީނަމަވެސް، އެކަންވެސް ކުއްލިއަކަށް ކުރެއްވޭކަށް ނެތް. އެކަންވެސް ސަރުކާރުން ކުރައްވާނީ، އަދި ކުރައްވަންވާނީވެސް، އެކޮޅުމިކޮޅު ބަލައި، ފަހުން ނުކުމެދާނެ ޝަކުވާތަކާއި ދައުވާތަކާއި މައްސަލަތަކަށްވެސް ބަލައި، އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން އެއްބަސްވުމުގައި ހުރި މާއްދާތަކުން ޖާގަ ލިބިދޭ ދާއިރާގެ ތެރޭގައި، ޤާނޫނީގޮތުން ބަލަންޖެހޭ ބެލުންތައް ބަލައި، ފަހުން ދިމާވާނެ ކަންކަމުގައި ފުރިހަމައަށް ދިފާއުވެވޭނެ ފިޔަވަޅުތައް ދުރާލާ އަޅައިގެން. މި ކަންކަން ކުރުމަށް ވަގުތުކޮޅެއް ނަގާނެ.” މެމްބަރު ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އާންމުކޮށް މީޑިޔާގައި ވިދާޅުވެފައިވާ ވާހަކަތަކުންވެސް އެނގެނީ، އެއްބަސްވުން ބާތިލުކުރަންޖެހޭނަމަ، އެކަންވެސް ސަރުކާރުން ކުރައްވާނެކަށާއި ކަމާގުޅޭގޮތުން، އިތުރު ތަފްސީލުތަކެއް މީޑިޔާއަށް ތިލަނުވިނަމަވެސް، ސަރުކާރުގެ އެކިހިސާބުތަކުގައި މިކަމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ހިނގާކަން އެނގިލައްވާކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓާ އަލުން ނިމްސްއަށް ދޭން 99 އިންސަތަ މުވައްޒަފުން ދެކޮޅު !
އެކަމުގެ ރަނގަޅު ވަގުތު އައުމުން، ކަމާބެހޭ ވުޒާރާއިން ސަރުކާރުގެ ނިންމުން ހާމަކުރާނެކަން ކަމަށް ގަބޫލުކުރައްވާކަމަށާއި އެހާތަނަށް މިހިނގާ ވަގުތުކޮޅުގައި، ކުންފުނީގެ ހިއްސާދާރުން މީޑިޔާގައި ދައްކަވާ ވާހަކަތަކުން، ސަރުކާރުން އަމަލުކުރައްވަފާނެ ގޮތްކަމަށް ހޮސްޕިޓަލް މުވައްޒަފުންނަށާއި ރަށު ރައްޔިތުންނަށް ހީވާގޮތެއްގެ މައްޗަށް ބިނާކޮށް، ނުތަނަވަސްކަން އުފެދި ފެތުރިގެންދިޔަ ނުދެއްވުމަށް ނަޝީދު ވަނީ އެދިއްލަވާފަ އެވެ.
މައްސަލަ ސަރުކާރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި ވާންވީގޮތްވެސް ސަރުކާރަށް އެނގިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކަމުގެ ބާވަތުން، އެކަން އެގޮތަށް ކުރުމަށް ވަގުތުކޮޅެއް ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބަސްވުން ރޫޅާލައި ކުޅުދުއްފުށީ ހޮސްޕިޓާ ސަރުކާރަށް ރުޖޫއަކޮށްދިނުމަށް ނަޝީދު ގޮވާލައްވައިފި
އިންޓަވިއު ނިންމާލައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ ސަރުކާރުން އާޚިރުގައި އަޅުއްވާ ފިޔަވަޅުވާނީ، ރައްޔިތުންގެ ޝުޢޫރުތަކާ ގާތް، ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހަމަޖެހުމާއި ޔަޤީންކަން ގެނެސްދޭނެ ފިޔަވަޅަކަމަށެވެ. އެހެންކަމުން، ކެތްތެރިކަމާއެކު، ސަރުކާރުގެ ނިންމުމަށް އިންތިޒާރުކުރެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.