twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކައުންސިލްތައް ގުޅިގެން ހދ ގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގަނީ

Jan 23, 2018

ހދ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ފަށައިފި އެވެ.

މިމަޝްރޫއުގެ ދަށުން އެއަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުމަށް އަތޮޅު ކައުންސިލުން 175،000ރ ރުފިޔާ ދޭނެ އެވެ. އެ މަޝްރޫއު އެއްގެ ބާކީ ބައި ހަރަދުކުރާނީ އެރަށެއްގެ ކައުންސިލުންނެވެ.

މިމަޝްރޫއުގެ ދަށުން މިއަދު ވަނީ ހދ ނެއްލައިދޫގައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ހަދަން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ނެއްލައިދޫ ސްކޫލުގައި މިއަދު މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް އެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށާއި އުންމީދުކުރަނީ ވީހާވެސް އަވަހަކަށް މި ޕްރޮޖެކްޓް ނިމި، އޭގެ ފައިދާ ރައްޔިތުންނާއި ކައުންސިލަށް ލިބިގެން ދިއުން ކަމަށެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލްތަކުގެ ބަޖެޓަށް ލުއިކަމެއް ލިބި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ތަރައްގީގެ މި މަޝްރޫއު ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 5 ރަށެއްގައި މި މަޝްރޫއު ހިންގަން ހަމަޖެހިފައިވާއިރު އަންނަ އަހަރު 4 ރަށެއްގައި އަދި 2020 ވަނަ އަހަރު 4 ރަށެއްގައި މި މަޝްރޫއު ހިންގާނެކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި މިމަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާއިރު އެންމެ ކާމިޔާބުކަމީ އެކީ މިކަން ގެންދެވޭނީ ރަށު ކައުންސިލްތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ހދ އަތޮޅު ކައުންސިލާއި ނެއްލައިދޫ ކައުންސިލް ގުޅިގެން އިމާރާތްކުރާ 2 ކޮޓަރި އެޕާޓްމަންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މިހަފްލާގައި ވާހަކަދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ރަމީޒް ވިދާޅުވީ މިއަދަކީ އަތޮޅު ކައުންސިލާއި ނެއްލައިދޫގެ ތާރީހުގައިވެސް ފާހަގަކޮށްލެއްވޭ ދުވަހެއް ކަމަށެވެ. މީގެ ކުރިން ދެ ކައުންސިލެއް ގުޅިގެން އުމްރާނީ ތަރައްގީއެއް ރަށަށް ގެނެވިފައިނުވާ ކަމަށާއި އެހެންކަމުން މިއަދަކީ ތާރީހްގެ ތެރެއަށް ވަދެވިގެންދާނެ ދުވަހެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ ސަބަބުން މުސްތަގުބަލުގައި މިފަދަ އެތައް މަސައްކަތަކެއް ހިންގުމަށް މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިތުރު ފުރުސަތުތައްވެސް ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ރަމީޒް ވިދާޅުވި އެވެ.

މީގެ ކުރިން ހދ އަތޮޅު ކައުންސިލުން، ރަށު ކައުންސިލްތަކަށް ކޮންމެ އަހަރަކު އެހީއެއްގެ ގޮތުގައި ދެމުންގެންގޮސްފައިވަނީ 25،000ރ ގެ ގުރާންޓެކެވެ.

މިރަސްމިއްޔާތާ ގުޅޭ ފޮޓޯ ގެލެރީ 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355