ވިލާ ކޮލެޖާއި ދ.ކުޑަހުވަދޫ ރަށު ކައުންސިލާއި ދެމެދު ދެފަރާތަށް ފައިދާހުރި ގޮތެއްގައި ވިލާކޮލެޖުގެ ޕްރޮގްރާމްތައް ކުޑަހުވަދޫގައި ހިންގުމަށް އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.
މިއަދު ވިލާ ކޮލެޖުގައި ބޭއްވުނު ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަހްމަދު އަންވަރުއެވެ. އަދި ދ. ކުޑަހުވަދޫ ރަށު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެކައުންސިލްގެ ރައީސް އަހްމަދު ޝާމްއެވެ.
އެގޮތުން ޕްރޮގްރާމްތައް ފެށުމަށް އެކަށީގެންވާ އަދަދަށް ދަރިވަރުން ހަމަވެއްޖެނަމަ ވިލާ ކޮލެޖުން މާލޭގައި ހިންގާ ކޮންމެ ޕްރޮގްރާމެއްވެސް ދ.ކުޑަހުވަދޫގައި ފެއްޓުމަށްވަނީ ހަމަޖެހިފައެވެ.
މިހާރުވެސް ވިލާ ކޮލެޖްގައި މާސްޓަރސް ފެންވަރުގެ 7 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 4 ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 8 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 9 ކޯހެއް ހިނގަމުންދެއެެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.