ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން އިންޓަރ އޮފީސް ވޮލީ މުބާރާތެއް ބާއްވަން ނިންމާ، އެކަން މިއަދު އިއުލާންކޮށްފި އެވެ.
މި އަހަރު އޭޕްރިލް 13 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރެޖިސްޓްރީންވުމަށް ބޭނުންވާ ފޯމް ޑަބްލިއު ސްޕޯޓް އެކަޑެމީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. މި މުބާރަތުގެ ރެޖިސްޓްރޭޝަން ކުރިއަށް ދާނީ 12 މާރޗުން ފެށިގެން 23 މާރޗުގެ ނިޔަލަށެވެ.
ޑަބްލިއު ސްޕޯޓް އެކަޑަމީން ބުނީ މިއީ ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބަރާތެއް ކަމަށާއި މި މުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށެވެ. ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށާއި އަދި 2016 ، 2017 ވަނަ އަހަރު ގައުމީ ވޮލީބޯލް މުބާރާތުގައި ކުޅިފައިވާ ކުޅުންތެރިއެއް ޓީމް ގައި ނުހިމެނޭނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލާކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް ޑަބްލިއު ސްޕޯޓް އެކަޑަމީން މައުލޫމާތު ދެއެވެ. މިމުބާރާތް މިއަހަރު ހާއްސަކޮށްފައިވަނީ އޯޓިޒަމް ކުދިންނަށެވެ. އެގޮތުން މުބާރާތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ޗެމްޕިއަން، އަދި ރަނަރަޕަށް ދާ ޓީމަށް މެޑަލް، ޓްރޮފީ އަދި ފައިސާގެ އިނާމް ލިބޭނެއެވެ. އެގޮތުން މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7796622 ނަންބަރާއެވެ.
މީގެ ކުރިންވެސް އެ އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފާހަގަ ކޮށްލެވެއެވެ.