twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހިޔާނާތުގެ މައްސަލައެއްގައި އެތުމާ ފިއުލް އިން ހަތަރު މުވައްޒަފަކު ވަކިކޮށްފި

Jan 30, 2018

ހިޔާނާތުގެ މައްސަލައެއްގައި އެތުމާ ފިއުލްއިން ހަތަރު މުވައްޒަފަކު ވަކިކޮށްފި އެވެ.

މިމައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެތުމާ ޕްރައިވެޓް ލިމިޑެޓްގެ ދަށުން ހިންގަމުން އަންނަ، ކުޅުދުއްފުށީގައި ހުންނަ އެތުމާ ފިއުލްގައި ވަޒީފާއަދާކުރަމުންދިޔަ 4 އަންހެން މުވައްޒަފެކެވެ.

އެތުމާ ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރު އަބުދުﷲ އާދަމް މިއަދު ކޭއޯއަށް ވިދާޅުވީ ހިޔާނާތުގެ މައްސަލައެއްގައި އެތުމާ ފިއުލްގައި މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަން ބެލިބެލުމުން 66000ރ ގެ ހިޔާނާތްވެފައިވާކަން އެނގިފައިވާ ކަމަށެވެ. އެކަން އެނގުމާއެކު، އެމުވައްޒަފުން ގެނެސް ސުވާލުކުރުމުން އެ ހަތަރު ކުދިންވެސް އެކަން ކުރިކަމަށް އެއްބަސްވެފައިވާކަމަށެވެ. އެކި މުވައްޒަފުން ފައިސާއަށް ހިޔާނާތްވެފައިވަނީ އެކި ވަރަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެމުވައްޒަފު ފައިސާ ނެގި އަދަދު ދައްކަން އެއްބަސްވެފައިވާކަމަށްވެސް އެތުމާއިން ބުނެ އެވެ.

” އެކި ކުދިން ހިޔާނާތްވެފައިވަނީ އެކި ވަރަށް، ބައެއް ކުދިން ނަގާފައި އެބަހުރި 2 މަހު، އަނެއް ބައި ކުދިން ހަތަރު މަހުވެސް ނަގާފައި އެބަހުރި. ގުޅިގެން ކުރިން ހިޔާނާތެއް ކަމެއް ނޭނގޭ. މިހާތަނަށް އެނގިފައިވަނީ ޖުމްލަ 66،000ރ އަށް ހިޔާނާތްވެފައިވާކަން.” އެތުމާގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅާފައިވާނޭ ކަމަށެވެ. އެކުދިންގެ މުސްތަގުބަލު ދުއްވާލުމަކީ ކުންފުނީގެ ފަރާތުން ބޭނުންވާ ކަމަށްކަށް ނުވާތީ އެމައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިނުވާ ކަމަށް އަބުދުﷲ އާދަމް ވިދާޅުވި އެވެ.

އެތަނުން ވަޒީފާއިން ވަކިކޮށްފައިވާ 4 މުވައްޒަފުންގެ ތެރެއިން 3 މުވައްޒަފުންނަކީ އެތަނުގައި ވަޒީފާ އަދާކުރާތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިތުބާރުކުރޭވޭ މުވައްޒަފުން ކަމަށްވެސް އެތުމާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355