twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ކަރަންޓްގެ ހާލަތު އޮޅުވާލައި ފެނަކައިން ބަޔާނެއް ނެރެފި

Feb 1, 2018

ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތާގުޅޭ ގޮތުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނާއި އިއްޔެ ހަމަ އެކުންފުނިން ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތާގުޅޭގޮތުން ނެރުނު ބަޔާނާގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު ސޮއިކުރައްވާ މިދިޔަ އަންގާރަދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 1 މެގަވޯޓްގެ ޖަނަރޭޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށެވެ.

އެ ބަޔާނުގައިވާގޮތުން ޖަނަރޭޓަރަށް މައްސަލަ ޖެހުނީ މިމަހު 21 ވަނަ ދުވަހު އެވެ. އެ މައްސަލަ ހައްލުކުރުމަށް އެކުންފުނީގެ އިންޖިނިއަރުންގެ ޓީމަކުން މަސައްކަތްކުރަމުންދާ ކަމަށާއި މަތީ ލޯޑް ނަގައި އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށް އެއިއުލާނުގައި އެދިފައިވެ އެވެ.

ބަޔާން ނެރުނު ދުވަހު ނޫން އަނެއް ދުވަހުން ފެށިގެން ދުވާލުގެ ބައެއް ގަޑިތަކުގައި އެކި ސަރަހައްދުތަކުން ދިޔައީ ކަރަންޓް ކަނޑަމުންނެވެ. ކުޅުދުއްފުށީގައި ކަރަންޓް ދިނުމަށް ބޭނުންކުރާ 4 ޖަނަރޭޓަރު ހުންނައިރު އޭގެ ތެރެއިން ތިން ޖަނަރޭޓަރަކީ 1 މެގަ ވޯޓްގެ ޖަނަރޭޓަރުތަކެވެ. އަނެއް ޖަނަރޭޓަރަކީ 800 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ.

ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި ހަފްތާއަކަށްވެފައިވަނިކޮށް އިއްޔެ އަނެއްކާވެސް މިވަނީ ކުޅުދުއްފުށީ ކަރަންޓްގެ ހާލަތާ ގުޅިގެން ފެނަކަގެ އެމްޑީ މިވަނީ ބަޔާނެއް ނެރުއްވާފަ އެވެ. މިބަޔާނުގައި ބުނެފައިވާ ވާހަކަތަކާއި ކުރީގެ ބަޔާނުގައި ހުރި ވާހަކަތައް މުޅިން ހެން ތަފާތެވެ. ރަށުން ކަރަންޓް ކަނޑަނީ ކީއްވެކަން އެންމެހާ ރައްޔިތުންނަށް އަންގާފައިވަނިކޮށް، އަދި މައްސަލަ ދިމާވެފައިވަނީ 1 މެގަވޯޓްގެ ޖަނަރޭޓަރަކަށް ކަން ކުރިން ފެނަކައިންވެސް އެއްބަސްވެފައިވަނިކޮށް އިއްޔެ އެކުންފުނިން ނެރުނު ބަޔާނުގައި ކަމުގައި ހަގީގަތް އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ގިނަ ރައްޔިިތުން ބުނެ އެވެ.

ފެނަކަ އިން އިއްޔެ ނެރުނު ބަޔާންގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތާއި އަދި އިންޖީނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް 10 ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެމުއްދަތުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށެވެ.

ފެނަކަ އިން މިހެން ބުނިނަމަވެސް ކުޅުދުއްފުށީ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، އިންޖީނުގެ މަރާމާތުކުރުމުގެ އެއްވެސް މަސައްކަތްތެއް އެތަނަކު ކުރަމުންނެއް ނުދެ އެވެ. އެފަދަ މަސައްކަތްތެއް ކުރިއަށްދިޔަ ނަމަވެސް އެއީ ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ޖެހޭ ސަބަބެއްވެސް ނޫނެވެ. އަދި ކަރަންޓްގެ މައްސަލަ ދިމާވެފައިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަން ހުރިހާ ރައްޔިތުންނަށްވެސް އޮޅުމެއް ނެތި ސާފެވެ. އަދި މައްސަލަ ޖެހުނު ޖަނަރޭޓަރު ނުހެދި ލަސްވަނީ އެއަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެންނަށް ޖެހުމުން އެކަމަށް ވަގުތު ނަގާތީކަން ރަށުގެ ގިނަ ރައްޔިތުންނަށްވެސް އެނގެ އެވެ. ކަން މިހެން އޮތްވާ ފެނަކައިން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ފެނަކަ އަށް ފާޑުކިޔަމުންނެވެ.

ކުޅުދުއްފުށީގެ އިންޖީނުގެ ހާލަތާއި އެތަނުގައި އިންޖީނުތައް ބަހައްޓާފައި ހުންނަ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތާވެސް އެތައް ޒަމާނެއް ވެފައިވާކަން ރައްޔިތުންނަށް އެނގެ އެވެ. އަދި ފެނަކަ ކުޅުދުއްފުށީ އޮފީހާއި ހދ ރީޖަނަލް އޮފީސް ކުޑަކުޑަ އެންމެ އިމާރާތްތެއްގައި ހިންގަމުންދާކަންވެސް ރައްޔިތުން ދަނެ އެވެ.

ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި މިބަޔާނަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ކަމުގެ ހަގީގަތް ސިދާ އޮޅުވާލަން ނެރެފައިވާ ބަޔާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355