ރާއްޖޭގެ ހާލަތާއި ބޭހޭގޮތުން އދ ގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާ ކުރަން ނިންމައިފިއެެވެ.
ރާއްޖެއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިމިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުންނެވެ.
އެގޮތުން މިއަދު ބާއްވާ ސިއްރު އްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅައި މަޝްވަރާ ކުރާނެކަމަށާއި އދ ގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީ އިން ބުނެފައި ވެއެވެ.
ރާއްޖޭގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާގައި ހިމަނަނާނެ ކަމަށް ވެސް ޑިޕްލޮމެޓުން ބުނެ އެވެ. އދ އިން ވަނީ ރާއްޖޭގެ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކޮށް ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އަދި ކުއްލި ހާލަތު އިއުލާންކޮށް އާންމު ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކެއް ހިފަހައްޓާފައި ވާތީ އެކަމާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ވެސް އޭފްޕީ އިން ބުންޏެވެ.
އދ ގެ ސަލާމަތީ މަޖިލީހަށް ދުނިޔޭގެ ގައުމުތަކުގައި ސުލްހަ ގާއިމްކުރުމަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ 15 މެންބަރު ގައުމު ހިމެނޭ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ ގުވަނަމުން ނިންމާ ކަންކަން ތަންފީޒުކުރުން ގައުމުތަކުގެ މައްޗަށް ލާޒިމް ކުރެ އެވެ.
ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މައްޗަށް ސަރުކާރުން ކޮށްފައިވާ ތުހުމަތަކީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި ސަރުކާރު ވައްޓާލުމަށް މަޖިލީހުގެ މެންބަރުންނާއި އެހެން ވެސް ފަރާތްތަކަށް މައުމޫން ރިޝްވަތު ދެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ފައިސާގައި ހިފައި ވަކިބަޔަކު ބޭނުން ގޮތަށް، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނިޔާރު އަލީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.